ނުވަ މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ސަފާރީއެއްގައި ރޯވެ، އެއްކޮށް އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ކ. ގާފަރާއި 13 މޭލު ހުޅަނގުން ދަތުރުކުރަމުން ދިޔަ "އަވި" ނަމަކަށް ކިޔާ ސަފާރީ ބޯޓެއްގައި ރޯވެގެން ރިޕޯޓުކޮށްފައި ވަނީ ރޭ 11 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށެވެ.

އެ ސަފާރީގައި ރޯވި ކަމުގެ މައުލޫމާތު ލިބުމުން، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ކަނޑުމަތީ އުޅަނދު ފަހަރު ކަމަށްވާ އަލިފާން ނިއްވާ ލޯންޗާއި ސީ އެމްބިއުލާންސް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހާދިސާ ހިނގި ސަރަހައްދަށް ދިޔައިރު، އަނދަމުން ދިޔަ އަވި ސަފާރީގެ ނުވަ މީހުން ކަމަށްވާ ހަ ފަޅުވެރިންނާއި ތިން ފަތުރުވެރިއެއް ތިބީ އެ ސަފާރީގެ ޑައިވިން ދޯނީގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

އަދި ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު އެ އެންމެން ވަނީ ގާފަރަށް ގެންގޮސްފައި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، އެ ސަފާރީ މިހާރު އަޑިއަށް ހިނގައްޖެ ކަމަށެވެ.