މާބްލް ޝީޓުތަޖުގެ ދަށުވި ދެވަނަ މީހާވެސް މަރުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ހުޅުމާލެ ކޮންޓެއިނަރެއްގައި ހުރި މާބްލް ޝީޓުތަކެއް ނެރެން އުޅުމުގެ ތެރޭގައި އޭގެ ދަށުގައި ދެ މީހަކު ތާށިވެފައިވާއިރު އޭގެ ތެރެއިން އެކަކު އެ ދުވަހު ވަނީ މަރުވެފައެވެ.

މީގެ އިތުރުން ދެވަނަ މީހާއަށް ޒަހަމްތަކެއް ލިބިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އައިޖީއެމްއެޗަށް ބަދަލުކުރިއެވެ.

" ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާބްލް ޝީޓުތަކެއް ދަށުވެ، ޒަހަމްވި 38 އަހަރުގެ ބިދޭސީ މީހާ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެނިކޮށް އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

ފުލުހުން ވަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަަމުން އަންނަ ކަމަށް ބުނެފައެވެ.