ގުޅީފަޅު ބިން ހިއްކަން ދިވެހި ސަރުކާރުން 101 މިލިއަން ޔޫރޯ (1.65 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިފިއެވެ.

އިންޓަރެސްޓް ރޭޓެއްވެސް އަދި އަނބުރާ ދައްކަން ޖެހޭ މުއްދަތެއްވެސް ހާމަ ނުކޮށް މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލޯން ނެގުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކުރީ ނެދަލެންޑްސްގެ ބޭންކުތަކެއް ކަމަށްވާ އޭކޭއޭ ޔޫރަޕިއަން އެސްޕޯޓް ޓްރޭޑް ބޭންކާއި އައިއެންޖީ ބޭންކާއި އޭބީއެން އޭއެމްއާރުއޯ ބޭންކްއާ އެކުގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅީފަޅު ބަނދަރު ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް 2019 ގައި ބޮސްކާލިސްއާ ވަނީ 817.26 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައެވެ. އަދި ބޮސްކާލިސްއާއެކު ސަރުކާރުން އެއްބަސްވެފައި ވަނީ 6 މަސްދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމާ ގޮތަށް ނަމަވެސް 2020 ގެ މެދުތެރޭގައި އެ މަސައްކަތް ފެށި ނަމަވެސް ކުރިއަށް ނުގޮސް މަސައްކަތް ވަނީ ހުއްޓިފައެވެ.

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، ގުޅިފަޅުން 3،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.