އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމަށް ޖެންޑާ މިނިސްޓްރީން އޯޕަން ފޯރަމެއް ބާއްވައިޕިއެވެ.

މިނިސްޓްރީން ބުނީ، މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ދުވަސްވީ މީހުންނަށް ކުރާ އަނިޔާއާ އިހުމާލުވުމަށް މެދުވެރިވާ ސަގާފީ، އިޖުތިމާއީ، އިގްތިސާދީ އަދި ޑިމޯގްރާފިކް ސަބަބުތަކާމެދު ހޭލުންތެރިކަން އިތުރުކޮށްގެން އެފަދަ އަނިޔާއާ އިހުމާލު އެދެވޭގޮތެއްގައި ދެނެގަންނާނެ ފުރުސަތު މުޖުތަމައުގެ ރައްޔިތުންނަށް ތަނަވަސްކޮށްދިނުން ކަމަށެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ހަވީރު ބޭއްވި މި ފޯރަމުގައި މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދުދީދީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޠުދު ޑރ.މޫސާ އަންވަރު ބައިވެރިވެ ވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ފޯރަމުގައި މިނިސްޓްރީގެ އިރުތުން ހިއުމަން ރާއިޓްސް ކޮމިޕަން އޮފް މޯލްޑިވްސް އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ރިސޯސް ބޭފުޅުން ޕެނެލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

މިގޮތުން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ މުނީޒާ އަފީފް، ދިވެހިފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ކޮމިއުނިޓީ ޑިޕާޓްމެންޓްގެ ސަބް އިންސްޕެކްޓާ އަބްދުލް ޖަލީލު އިބްރާހީލް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓާ މުހައްމަދު ޖާބިރު މި ފޯރަމުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، މި ފޯރަމުގައި ދައުލަތުގެ އިދާރާތަކުންނާއި، ޖަމުއިއްޔާ ޖަމާއަތްތަކުންނާއި، ނޫސްވެރިންނާއި އަދި ސުކޫލް އަދި ކޮލެޖްތަކުގެ ދަރިވަރުންގެ ޖުމްލަ 77 ފަރާތެއް ބައިވެރިވި ކަމަށެވެ.

މިގޮތުން އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ އެކިއެކި ދަތިތަކާއި، ލިބޭ އަނިޔާއާއި މިކަންކަމާ ގުޅިގެން ހުރި ކަންބޮޑުންތަކާއި އަދި އެފަރާތްތަކުގެ އެންމެހާ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިދާނެކަންކަމާ ގުޅޭގޮތުން ހިޔާލު ފާޅުކޮށް، މަސްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.