ޗައިނާގެ ފަސްގަނޑުން ބޭރުގައި އެ ގައުމުގެ އަސްކަރިއްޔާއަށް "ހާއްސަ އަސްކަރީ އޮޕަރޭޝަން" ހިންގުމުގެ ހުއްދަ ދެނިވި އާ ގަވައިދުގައި ޗައިނާގެ ލީޑަރު ޝީ ޖީންޕިންގް ސޮއި ކުރައްވައިފިއެވެ.

ހަނގުރާމައިގެ އިމުން ބޭރުން އަސްކަރީ ހާއްސަ އޮޕަރޭޝަން، ޗައިނާގެ ފަސްގަނޑުން ބޭރުގައި ހިންގުމުގެ ފުރުސަތު، ޗައިނާގެ އަސްކަރިއްޔާއަށް ތަނަވަސްކޮށްދެނިވި އާ ގަވައިދުގައި ޝީ ސޮއި ކުރައްވާފައި ވާ އިރު، ސޮލޮމަން އައިލަންޑްސްއާއެކު ޗައިނާއިން ސަލާމަތާ ބެހޭ އެއްބަސްވުމެއް އެކުލަވާލީ މީގެ މަދު ހަފުތާކޮޅެއް ކުރިން ކަން ފާހަގަ ކުރަން ޖެހެއެވެ.

ޗައިނާގެ އެ ފިޔަވަޅަކީ، ޒަމާނުއްސުރެ އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ޗައިނާއިން ވަކާލާތު ކުރަމުން ދާ ޓައިވާންގެ ކޮންޓްރޯލް ނެގުމަށް އެ ގައުމުން ތަނަވަސް ކުރަމުން ދާ މަގުތަކެއް ކަމަށް ތަހުގީގީ ނޫސްވެރިކަން ކުރާ ރިޕޯޓިކާއިން ވަނީ ތުހުމަތު ކޮށްފައެވެ.

ޗައިނާގެ ފަސްގަނޑުން ބޭރުގައި އަސްކަރީ އޮޕަރޭޝަން ހިންގުމުގެ ހުއްދަ ދެނިވި ގަވައިދުގައި ޝީ ސޮއި ކުރައްވާފައި އިރު، މިއަދުން ފަށައިގެން އެ ގަވައިދު ތަންފީޒު ކުރާ ގޮތަށްވެސް އޮތީ ހަމަޖައްސާފައެވެ.

6 ބާބެއްގެ މައްޗަށް އެކުލެވޭ އެ ގަވައިދުގެ މައިގަނޑު މަގުސަދަކީ ޗައިނާގެ ގައުމީ އިސްތިގުލާލާއި، ސަރަހައްދީ ހަމަޖެހުން ކަށަވަރުކޮށް، ރެގިއުލޭޝަން ހަރުދަނާ ކުރުމުގެ އިތުރުން ހަނގުރާމަ ނޫން، އަސްކަރީ އޮޕަރޭޝަންތައް ތަންފީޒު ކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް އިރު، ރަޝިއާއިން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީވެސް ވަނީ ޓައިވާން ސަރަހައްދުގައި އަސްކަރީ ހަރަކާތްތަކެއް ފެށިދާނެ ކަމުގެ ބިރަށް، ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ގޮވާލައްވާފައެވެ.

ޖަޕާންގެ ބޮޑުވަޒީރު ފޫމިއޯ ކިޝީޑާވެސް ވަނީ މިއަދު ޔޫކްރައިންގައި ހިނގަމުންދާ ކަންކަން، މާދަމާ އޭޝިއާގައި ހިނގާފާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ޗައިނާއިން ވަނީ ޓައިވާންގެ މައްސަލާގައި އެމެރިކާއިން އަމަލު ކުރާ ގޮތެއްގެ ސަބަބުން، ހަނގުރާމައަކާވެސް ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ. ޓައިވާން މިނިވަން ކުރާނަމަ އެ ކަމާ ދެކޮޅަށް ޗައިނާގެ އަސްކަރިއްޔާއިން ކުރިމަތިލުމަކަށް ނުކުންނާނީ، ޗައިނާގެ ގައުމީ އިސްތިގުލާލާއި ސަރަހައްދީ ނަޒާހާތްތެރިކަމުގެ ދިފާއުގައި ކަމަށް އެ ގައުމުން ބުނެއެވެ.

މި ފަހަކަށް އައިސް ޗައިނާގެ އަސްކަރީ އުޅަނދުތައް ޓައިވާން ސަރަހައްދުން އާދަޔާ ހިލާފު ގިނައިން ދަތުރު ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

ޗައިނާއާއި ޓައިވާންގެ ގުޅުމުގެ ހިތި މާޒީއަށް ބަލާއިރު، ޗައިނާއާއި ޓައިވާން ބައި ކުރީ 1940ގެ އަހަރުތަކުގައި ކުރި ދާހިލީ ހަނގުރާމައިގެ ތެރޭގައެވެ. ނަމަވެސް ޗައިނާ ސަރުކާރުން ދަނީ ޓައިވާންގެ މިލްކުވެރިކަން ދޫކުރުމަށް އިންކާރު ކުރަމުންނެވެ. ޓައިވާންގައި އަމިއްލަ ގާނޫނު އަސާސީއެއް އޮވެއެވެ. ޑިމޮކްރަޓިކް އުސޫލުގެ ތެރެއިން އިންތިހާބު ކުރާ ލީޑަރުން ތިއްބައެވެ. ޓައިވާންގެ އަސްކަރީ ފައުޖުގައި އެކްޓިވްކޮށް 3 ލައްކައެއްހާ ސިފައިން ހަރަކާތްތެރިވެއެވެ.