ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށް ތުހުމަތުކުރާ ހއ. މޮޅަދޫ ބަހާރުގޭ، އަބްދުﷲ އަލިމަނިކު، ހުޅުމާލޭގައި ތިން ބިދޭސީ ފަތުރުވެރިޔަކަށް ހަމަލާ ދިނީ އޭނާގެ ދަރިންގެ މައްސަލައެއްގައި ބަދަލު ހިފުމުގެ ގޮތުން ކަމަށް ކްރިމިނަލް ކޯޓުގައި ހެކިވެރިޔަކު ބުނެފިއެވެ.
މިދިޔަ އަހަރު މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަލިމަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
މި ދައުވާއަށް އޭނާ އިންކާރުކޮށްފައިވާތީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ދެ ހެކިވެރިޔެއްގެ ހެކިބަސް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ނަގައިފައެވެ.
މިގޮތުން އިންޓެލިޖެންސް ރިޕޯޓް ތައްޔާރުކުރި ހެކިވެރިޔާ ހެކިބަސްދެމުން ބުނީ އަލިމަނިކަކީ 2000 ވަނަ އަހަރުން ފެށިގެން ހަރުކަށި ފިކުރުގެ ހަރަކާތްތަކުގައި އެކްޓިވްކޮށް އުޅޭ މީހެއް ކަމަށާއި އަދި މީހުން ރެކްރޫޓް ކުރުމުގައި ވެސް އޭނާ ހަރަކާތްތެރިވާ ކަމަށެވެ.
މީގެ އިތުރުން އަލިމަނިކު އާއި އިތުރު މީހަކު ވެގެން 2020 ވަނަ އަހަރު ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދީފައިވާ ކަމަށާއި އެއީ ދައުލަތުން އޭނާއާ ދަރިން ވަކިކުރުމުން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވެސް އެކިބަސް ދިން މީހާ ބުންޏެވެ.
މިއަދު ހެކިބަސް ދިން ދެވަނަ މީހާ ބުނީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅުންހުރި ވީޑިއޯ އަދި ފޮޓޯތައް އޭނާގެ ފޯނުން ފެނިފައިވާ ކަމަށެވެ. އަދި ނަޝީދަށް ހަޖޫޖަހައި މަލާމާތްކޮށްފައިވާ މަންޒަރު ދައްކައިދޭ ފޮޓޯތަކާއި، އަލްގައިދާ ޓެރަރިސްޓް ޖަމާއަތާ ހުޅުންހުރި ފޮޓޯ ވެސް ފެނިފައިވާ ކަމަށެވެ.