ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އާދަޔާ ހިލާފަށް މައްޗަށް ދާން ފެށުމުގެ ސީދާ އަސަރު، އިންޑިއާގެ މަސްވެރި އާއިލާތަކަށް ސިދާ ގޮތުން ކުރަން ފަށައިފިއެވެ.
އެތައް ގަޑިއިރެއް ކަނޑުމަތީގައި ހޭދަކޮށް، މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް މަސް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އިންޑިއާގެ ހުޅަނގުގެ އައްސޭރިފަށުގެ ސަރަހައްދުގައި ވަޒަންވެރިވެފައިވާ މަސްވެރި އާއިލާތަކަށެވެ.
މުމްބާއި ސަރަހައްދަށް ބަލާއިރު މީގެ ކުރިން 2-3 ކިލޯމީޓަރަށް ދުއްވައިގެން ލިބުނު މަސް، މިހާރު ލިބެނީ 30-40 ކިލޯމީޓަރަށް ދުއްވައިގެންނެވެ. ނަމަވެސް ތެލުގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި، މިއީ އިންޑިއާގެ މަސްވެރިންނަށް ދެކޮޅު ޖެއްސޭ ވަރުގެ އަގެއް ނޫނެވެ.
އެންވެރިކަމަށް ބޭނުން ކުރާ މަހުގެ ސްޓޮކް، އައްސޭރިފަށުގެ ސަރަހައްދުން މުޅިން ހުސްވެފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.
ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މައްޗަށް ދާ ވަރަކަށް، އެހެން ސަރަހައްދުތަކަށް މަސްމަހާމެހި ދަތުރު ކުރެއެވެ. އަދި ލޮނުގަނޑު ހޫނުވުމަކީ، މަސްމަހާމެހީގެ ދަރިމައިވުމުގެ ނިޒާމަށްވެސް ހީނަރުކަން ކުރިމަތި ކުރުވާ ކަމެކެވެ. މީގެ އިތުރުން، ކޭމެއްގެ ގޮތުގައި މަސްމަހާމެހި ކައި އުޅޭ ފައިޓޯޕްލޭންޓަންސްވެސް ހޫނުގެ ސަބަބުން މަރުވެއެވެ.
އިންޑިއާ ސަރުކާރުގެ މަސްވެރިކަމާ ބެހޭ ވުޒާރާއިން 2020 ވަނަ އަހަރު އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވާ ގޮތުގައި، އޭގެ ކުރިއަށް ފާއިތުވީ 10 އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ކަނޑުގެ ސަރަހައްދުން މަސް ބޭނި މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2010 ވަނަ އަހަރު 3.7 މިލިއަން ޓަނުގެ މަސް ބޭނި އިރު، 2020 ވަނަ އަހަރު 3.7 މިލިއަން ޓަނުގެ މަސް ބޭނި ކަމަށް ދައްކައެވެ. އަދަދުގެ ގޮތުން އިތުރުވި ކަމަށް ދެއްކި ނަމަވެސް، މޫސުމީ މަސްވެރިކަން ދަށް ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
މުޅި އިންޑިއާއަށް ބަލާއިރު މަސްވެރިކަމުގެ ސިނާއަތުގައި 2.8 މިލިއަނެއްހާ މީހުން މަސައްކަތް ކުރެއެވެ. މަސްވެރިން މަސްބާނައިގެން ލެފުމުން ދެން ކުރަންޖެހޭ މަސައްކަތުގެ 70 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުންނެވެ. މަސްވެރިކަން ދަށްވާ ވަރަކަށް، އަންހެނުންގެ މާލީ މިނިވަންކަންވެސް ދަނީ ހީނަރު ވަމުންނެވެ.
މީގެ އިތުރުން ގޭބީސީތަކުން ކާބޯތަކެއްޗާ ކުރާ ހޭދަވެސް ބޮޑުވާކަން ފާހަގަ ކުރަންޖެހެއެވެ.
އިންޑިއާގެ ކަނޑުގެ ސަރަހައްދުން މަސް ލިބުން ދަތިވެގެން ދިއުމަކީ އަވަށްޓެރި ގައުމުތަކުންވެސް އެކަމަށް ސަމާލުވާން ޖެހޭ ކަމެކެވެ. އެތައް ސަތޭކަ ހާސް ބަޔަކު މަސްވެރިކަމަށް ބަރޯސާވެގެން ތިބިއިރު، ޣައިރު ގާނޫނީ ގޮތެއްގައި ކުރާ މަސްވެރިކަން އިތުރުވެދާނެ ކަމަށް ފާރަވެރިވާންޖެހެއެވެ.