ދުނިޔެ ތަރައްގީވަމުން ދާ މިންވަރަށް ބަލައި ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތައް އިތުރު ކުރުމަކީ ޓޫރިޒަމް ސިނާއަތަށް އަންނާނެ ތަރައްގީއެއް ކަމަށާއި ނަމަވެސް ޓެކްނޮލޮޖީ ކުރިއަރައިގެން ދާ ދިއުމުގައި އިންސާނީ ވަސީލަތް މަދުވެ، އިންސަނުންނާ ގުޅުން ކެނޑޭ ހިސާބަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުތަކާ ބެހޭ ޔޫއެންޑަބްލިއުޓީއޯގެ ޖޮއިންޓް މީޓިންގެ 34 ވަނަ ބައްދަލުވުމުގެ ތެރެއިން މިއަދު މެންދުރު ފަހު ކްރޮސް ރޯޑުގައި ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްވި އިންޓަވިއުގައެވެ.
އިއްޔެ މެންދުރު ފަހު ކްރޮސްރޯޑްގައި ބޭއްވި ރައުންޑް ޓޭބަލްގައި އެކި ގައުމުތަކުން ބައިވެރިވި މިނިސްޓަރުންނާއި ޔޫއެންޑަބްލިއުޓީއޯގެ އިސް ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވީ އިނޮވޭޝަނާއި ޑިޖިޓަލައިޒޭޝަންގެ ޒަރިއްޔާއިން ފަތުރުވެރިކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމަށް އަލިއަޅުއްވާލައްވަމުން ޑރ. މައުސޫމް ވިދާޅުވީ، މި ބައްދަލުވުމުގައި ވަރަށް މުހިއްމު ހިޔާލުތަކަކާއި ޝުއޫރުތަކެއް ފާޅު ކުރެއްވި ކަމަށާއި އެއް ގައުމެއްގެ ތަޖުރިބާ އަނެއް ގައުމަކާ ހިއްސާ ކުރެވުނު ކަމަށެވެ. އަދި މި ކަމުން މުސްތަގުބަލުގައި ޑިޖިޓަލް ޓެކްނޮލޮޖީ އުފެއްދުންތެރި ގޮތަކަށް ޓޫރިޒަމް ދާއިރާއަށް ތައާރަފް ކޮށްގެން ކުރިއަށް ގެންދެވިދާނެ ފަދަ ގޮތްތަކުގެ މައުލޫމާތު ވެސް ލިބިގެން ހިނގައްޖެ ކަމަށެވެ.
ޑިޖިޓަލް ޓެކްނޮލޮޖީ ފުޅާ ވެގެންދާ މި ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމަށް ވެސް ހެޔޮ ބަދަލުތަކެއް ޓެކްނޮލޮޖީގެ ޒަރީއާއިން އައިސްފައިވާ ކަން ފާހަގަ ކުރައްވަމުން ޑރ. މައުސޫމް ވިދާޅުވީ، މިހާރު ސޯޝަލް މީޑިއާގެ ޕްލެޓް ފޯމްތައް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭ މި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ފަރާތުން މުޅި ދުނިޔެއަށް ފޮރުކޮށްދޭ މައުލޫމާތާއި މެސެޖުތަކަކީ މި ވަގުތު ރާއްޖެ ޕްރޮމޯޓް ކޮށް ރާއްޖެއަށް ގިނަ ފަތުރުވެރިންތަކެއް ގެނައުމަށް އެހީވެދޭ ކަމެއް ކަމަށެވެ.
އެ ގޮތުން އިންޑިއާއިން ވެސް މިހާރު ގިނަ އަދަދެއްގެ ފަތުރުވެރިން މި އަންނަނީ ރާއްޖޭގެ ހާލަތާއި ކޮވިޑްއާ ގުޅިގެން ވެސް އަޅާފައިވާ ފިޔަވަޅުތަކާއެކު މިއީ ދަތުރުކުރަން ރަނގަޅު މަންޒިލެއްކަން ބޮޅީވުޑްގެ ފިލްމްސްޓާރުން އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރި ޕޯސްޓުތަކުން ހިއްސާ ކުރުމުން ކަމަށް މައުސޫމް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެހެން ގައުމުތަކުގެ މަޝްހޫރު މީހުން ވެސް އައިސް ރާއްޖޭގައި ހޭދަ ކުރާ ދުވަސްތަކުގެ ތަޖުރިބާތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަކީ ވެސް ރާއްޖޭގެ މައުލޫމާތު އެތައް ބަޔަކާ ހަމައަށް ފޯރުކޮށް ދިނުމުގައި މުހިއްމު ހިއްސާއެއް އަދާކުރާ ޓެކްނޮލޮޖީގެ ވަސީލަތެއް ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ޓެކްނޮލޮޖީގެ ޒަރީއާ އިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާ ބެހޭ މައުލޫމާތުތަކާއި އެމީހުން ރާއްޖެއަށް ޒިޔާރަތްކުރި އަދަދާއި ކުރިން ދިޔަ މަންޒިލްތަކުގެ ތަފްސީލް ފަސޭހައިން އެނގޭނެ ފަދަ ވަސީލަތެއް ހެދުމަކީ މުހިއްމު ކަމެއް ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ. އެ މައުލޫމާތު ލިބޭ ފަދަ ޓޭކްނޮލޮޖީއެއް ތައާރަފް ކުރެވިއްޖެ ނަމަ، ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ގާތް ގުޅުމެއް ދަމަހައްޓައި ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ފޯރުކޮށް ދިނުމަށް ފަސޭހަ ވެގެން ދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.
ޓެކްނޮލޮޖީ އާއި އީޖާދީ އުފެއްދުންތައް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނަމަވެސް ޓެކްނޮލޮޖީއާ އެއްވަރަށް އިންސާނީ ވަސީލަތް ވެސް ބޭނުން ކުރަން ވާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. ޓެކްނޮލޮޖީ ރަނގަޅު ފެންވަރެއްގައި ބޭނުން ކުރުމަށް މަސައްކަތް ފެށުމުގެ މާނައަކީ އިންސާނީ ވަސީލަތް މަދުކުރަން ޖެހި ވަޒީފާގެ ފުރުސަތުތައް ހަނިވާން ދެވޭ ފުރުސަތަކަށް ވެގެން ނުވާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.
މައިގަނޑު ގޮތެއްގައި ޓޫރިޒަމް ސިނާއަތު ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމުގައި މެހެމާންދާރީ އަދާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މެހެމާންދާރީ ރަނގަޅަށް އަދާ ކުރެވިއްޖެ ނަމަ އެއްފަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިއަކު އެތައް ފަހަރު ރާއްޖެއަށް އައުމަކީ ގާތްކަމެއް ކަމަށް މައުސޫމް ވިދާޅުވިއެވެ. އެހެންކަމުން ޓެކްނޮލޮޖީ އާއި ޑިޖިޓަލް އީޖާދީ އުފެއްދުންތައް ޓުރިޒަމް ސިނާއަތުގެ ތެރެއަށް ތައާރަފް ކުރަން ފެނިވަޑައިގަންނަވަނީ ޓުރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުން މަދު ނުކޮށް ކުރެވޭނެ ގޮތަކަށް ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ.
މި ވަގުތު ޓޫރިޒަމް ސިނާއަތުގައި ދިވެހި ރާއްޖެ ވެފައި މި ވަނީ ލީޑް ކުރާ ގައުމެއްގެ ގޮތުގައި މައުސޫމްގެ ވާހަކައިގައި އަލިއަޅުއްވާލެއްވިއެވެ. އެއީ ކޮވިޑް ޕެންޑަމިކަށް ފަހު ރިކަވަރީއަށް ރާއްޖެއިން ކުރި މިންނަތް މަސައްކަތުގެ ނަތީޖާ ކަމަށާއި އެހެން ގައުމުތަކުން މިހާރު ބެންޗްމާކަކަށް ރާއްޖެ ލައިގެން ނަމޫނާއެއްގެ ގޮތުގައި ދެކެމުން އަންނަ ކަމަށް މައުސޫމް ވިދާޅުވިއެވެ. މި ވަގުތު ރާއްޖެއަކީ ސައުތް އޭޝިއާގެ ޔޫއެން ކޮމިޝަންގެ ޗެއާ ކަމަށާއި މިއަދު ބޭއްވި ޔޫއެންޑަބްލިއުޓީއޯގެ ޖޮއިންޓް މީޓިން އާއި ރައުންޑް ޓޭބަލްގެ މަޝްވަރާ ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ.