މިދިޔަ ހުކުރު ދުވަހު އެމްޕީއެލްގައި ހުރި ކޮންޓެއިނަރެއް ބަލައި ފާސްކުރިއިރު، އޭގެން އަތުލައިގަތް ދެ ޕެލެޓުގެ މަސްތުވާތަކެއްޗަކީ 15.5 ކިލޯގެ ހަޝިޝް އޮއިލް ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
އެކަމާ ގުޅިގެން ފުލުހުން އޭރު ބުނެފައި ވަނީ އެ އިދާރާ އާއި ކަސްޓަމްސަ ގުޅިގެން، ވިޔަފާރި ބަނދަރުގައި ހުރި ކޮންޓެއިނަރެއް ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އެދުވަހު ނުދެއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ކަސްޓަމްސް އިން ބުނީ، ބަލައި ފާސްކޮށްފައި ވަނީ އިންޑިއާގެ ޓުޓިކޮރިން އިން މިދިޔަ މަހުގެ 29 ގައި ކަނޑުމަގުން ރާއްޖެ އަށް ގެނެސްފައިވާ މުދާ ޝިޕްމަންޓުގައި ގާނޫނާއި ގަވައިދާ ހިލާފު އެއްޗެއް ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ.
ތިން ދުވަސް ވަންދެން ފުލުހުންނާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އަތުލައިގެންފައި ވަނީ ހަޝިޝް އޮއިލްގެ 15.5 ކިލޯ ކަމަށާއި އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ކަސްޓަމްސް އިން ވަނީ ފުލުހުންނާ އެ ތަކެތި ހަވާލުކޮށްފައެވެ.
އެ ކޮންޓެއިނަރުން މަސްތުވާތަކެތި ހޯދި އިރު، ރާއްޖެ އަށް އެކި ގޮތްގޮތަށް އެތެރެ ކުރާ މަސްތުވާތަކެތި ފުލުހުންނާއި ކަސްޓަމްސް އިން ދަނީ އަތުލަމުންނެވެ. އެގޮތުން އެތެރެހަށީގައި ރައްކާކޮށްގެން މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރި މީހަކު ކަސްޓަމްސް އިން މި މަހު އަތުލައިގެންފައިވެއެވެ.