ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށިފަހުން ފާއިތުވީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ގައުމުން ބޭރަށް ފޮސިލް ފިއުލް ވިއްކައިގެން 98 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ރަޝިއާއިން ހޯދާފައި ވާ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

ފޮސިލް ފިއުލް މަރުވެ، ވީރާނާވަމުންދާ ގަސްގަހާގެއްސާއި ޖަނަވާރުން އުފައްދާ ތެޔޮ އެކްސްޕޯޓް ކޮށްގެން، ހަނގުރާމައިގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަޝިއާއިން 98 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައި ވާ އިރު، އެންމެ ގިނަ އަދަދަކަށް ފިއުލް އެކްސްޕޯޓް ކޮށްފައި ވަނީ ވިލާތުގެ އިއްތިހާދުގެ މެންބަރު ގައުމުތަކަށް ކަމަށް، ސެންޓާ ފޮ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއާ (ކްރިއާ)ގެ އާ ހޯދުންތަކުން ވަނީ ދައްކާފައެވެ.

100 އެތައް ދުވަހަކަށް މިހާރު ހަނގުރާމަ ދިގުލާ ގޮސްފައި ވާ އިރު، މި ދަނޑިވަޅަކީ ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަތުމަށް މަސައްކަތް ކުރަމުންދާ ޑޮންބާސް ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް، ރަޝިއާއިން އިންތިހާ ގާތްވެފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ވިލާތުގެ އިއްތިހާދަށް ރަޝިއާއިން ގިނަ އަދަދަކަށް ތެޔޮ އެކްސްޕޯޓް ކުރިކަން ހާމަވެފައި ވާ އިރު، ޔޫކްރައިންގެ ސަރުކާރުން ވަނީ ރަޝިއާއާއެކު އޮންނަ އެފަދަ ހުރިހާ ގުޅުމެއް ކަނޑާލުމަށް ހުޅަނގުގެ ބާރުތަކަށް ގޮވާލާފައެވެ. ޔޫކްރައިންގެ މަގުސަދަކަށް ވީ، ރަޝިއާއަށް މާލީ ތަނަވަސްކަން ލިބެން ހުރި ދޮރުތައް ބަންދު ކުރުން ކަމުގައި ވީ ނަމަވެސް، ތަފާސް ހިސާބުތަކަށް ބަލާއިރު، ޔޫކްރައިންގެ އާދޭހުގައި ވިލާތުގެ އިއްތިހާދުން ކޮޅުފައިން ޖެހިގެން ހާމަވެއެވެ.

ރަޝިއާއިން ޔޫކްރައިންގައި ހަނގުރާމަ ފެށުމުގެ ކުރިއަށް ބަލާއިރު، ވިލާތުގެ އިއްތިހާދަށް އިމްޕޯޓް ކުރާ ގޭހުގެ 40 ޕަސެންޓް އަދި ތެލުގެ 27 ޕަސެންޓް ހިއްސާ ކުރީ ރަޝިއާއިންނެވެ. އަދި ވިލާތުގެ އިއްތިހާދުން މިމަހު ކުރީކޮޅު ވަނީ ރަޝިއާއިން އެ ގައުމުތަކަށް އިމްޕޯޓް ކުރާ ތެލުގެ މިންވަރު މުޅިންހެން ހުއްޓާލަންވެސް އެއްބަސްވެފައެވެ. ނަމަވެސް މުޅުން ހުއްޓާލުމުގެ ފިކުރެއް ނެތެވެ.

ކްރިއާގެ ރިޕޯޓަށް ބަލާއިރު ހަނގުރާމައިގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަޝިއާއިން އެކްސްޕޯޓް ކުރި ފޮސިލް ފިއުލްގެ 61 ޕަސެންޓް ގަނެފައި ވަނީ ވިލާތުގެ އިއްތިހާދުންނެވެ. އެއީ ގާތްގަނޑަކަށް 60 ބިލިއަން ޑޮލަރުގެ މުއާމަލާތެކެވެ.

ޖުމުލަ ގޮތެއްގައި ބަލާއިރު ރަޝިއާ އަތުން އެންމެ ގިނަ އަދަދަކަށް ތެޔޮ ގަނެފައި ވަނީ 13.2 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކާއެކު ޗައިނާއިންނެވެ. 2 ވަނާގައި 12.7 ބިލިއަން ޑޮލަރާއެކު ޖަރުމަނުވިލާތް އޮތް އިރު، 8.2 ބިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތަކާއެކު 3 ވަނާގައި އޮތީ ނެދަލަންޑްސްއެވެ. 7 ބިލިއަން ޑޮލަރުގެ މުއާމަލާތާއެކު 4 ވަނާގައި ތުރުކީވިލާތް އޮތް އިރު، ދެން އެންމެ ގިނަ އަދަދަކަށް ތެޔޮ ގަނެފައި ވަނީ 4.6 ބިލިއަން ޑޮލަރު ހަރަދު ކުރި ޕޯލަންޑްއާއި 4.5 ބިލިއަން ޑޮލަރު ހަރަދު ކުރި ފަރަންސޭސިވިލާތުންނެވެ. އަވަށްޓެރި އިންޑިއާއިންވެސް ވަނީ 4.6 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފައެވެ.

ރަޝިއާގެ ފޮސިލް ފިއުލް އާމްދަނީ ބެހިފައި ވާ ގޮތަށް ބަލާއިރުޔ އެންމެ ބޮޑު ހިއްސާ އޮންނަނީ ސާފު ނުކުރާ ތެލުގައެވެ. ސާފު ނުކުރާ ތެލުގެ ވިޔަފާރީގެ އަގު 48.2 ބިލިއަން ޑޮލަރަށް އެރި އިރު 25.1 ބިލިއަން ޑޮލަރާއެކު 2 ވަނާގައި އޮތީ ޕައިޕްލައިން ގޭހެވެ. ތެލުގެ އިތުރު އުފެއްދުންތަކުން 13.6 ބިލިއަން ޑޮލަރު ލިބުނު އިރު، ލިކުއިފައިޑް ނެޗުރަލް ގޭހުން 5.3 ބިލިއަން ޑޮލަރު އަދި ބޯޓުދެލިން 4.8 ބިލިއަން ޑޮލަރު ވަދެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނިމިދިޔަ މެއި މަހު ރަޝިއާގެ އެކްސްޕޯޓް ވިޔަފާރި ވަނީ ހީނަރުވެފައެވެ. ނަމަވެސް ނަމަވެސް މީގެ އަހަރެއް ކުރިއާ އަޅާ ބަލާއިރު ރަޝިއާއިން މުދާ އެކްސްޕޯޓް ކުރި އަގުތައް 60 ޕަސެންޓް އުފުލިފައި ވާ ކަމަށް ކްރިއާއިން ވަނީ ހާމަކޮށްފައެވެ.