ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހުށަހަޅުއްވައިފިއެވެ.
މިއަދު އުޝާމް ހުށަހެޅުއްވި ބިލުގައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި ހިމެނޭ ބައެއް ކަންކަން އިސްލާހު ކުރުމަށް ހުށަހަޅުއްވާފައެވެ. އެ ގޮތުން 10,000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ. ހަމައެއާއެކު ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަކީ ހަމަޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް އެމްއެންޕީން ދެކޭތީ އެކަން އިސްލާހު ކުރުމަށް ވަނީ އެ ބިލުގައި ހުށަހަޅާފައެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރެއް އިލެކްޝަންސް ކޮމިޝަނުން ބެލެހެއްޓުމުގެ ބަދަލުގައި އެކަމަކީ ޑިމޮކްރެޓިކް އެހެނިހެން ގައުމުތަކުގައި ވެސް ސިޔާސީ ޕާޓީތަކުން ކުރަމުންދާ ކަމެއް ކަމަށް ފާހަގަ ކޮށް އެކަން އިސްލާހު ކުރުމަށް ވެސް އުޝާމް ހުށަހެޅުއްވި ބިލުގައި ވަނީ ހިމަނާފައެވެ.
އެމްއެންޕީން ބުނީ ސީޔާސީ ޕާޓީގެ ގާނޫނަށް އެ ޕާޓީން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން، ސިޔާސީ ޕާޓީތަކުގެ ދަފްތަރުތައް ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ބެލެހެއްޓޭނެ ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދެކޭ ކަމަށެވެ.