ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހަފްތާ ހަމަވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ބުނީ އެހެން ފިޔަވަހިތަކާ އެއްގޮތަށް މިއަހަރުގެ ދެވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވުމަށްފަހު ޕްރޮޖެކްޓް ހިންގުމަށް އެ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

މި ފިޔަވަހީގައި ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅޭނީ ހަމައެކަނި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އަދި ޖަމާއަތްތަކުން ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ޖަމިއްޔާތަކުން މި މަހުގެ 18 ވަނަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 65 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ކުރިއަށް ގެންގޮސްފައިވެއެވެ.