ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އަޅައި އިނގިލި ބުރިކޮށްލި ގ. ޗެރީ ހައުސް، އުމުރުން 35 އަހަރުގެ އަލީ ހަސަން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި މިދިޔަ މަހުގެ ތިންވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން އަލީ ހަސަން ހައްޔަރުކުރި ނަމަވެސް މި މަހުގެ 4 ވަނަ ދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ. އަދި ޕީޖީއިން ވަނީ ޝަރީއަތް ނިމެންދެން އަލީ ހަސަން ބަންދުކޮށްދެއްވުން އެދި މި މަހުގެ 7 ވަނަ ދުވަހު ފޯމް ހުށަހަޅާފައެވެ،
އެ ހާދިސާ ހިނގައިފާ ވަނީ ކުރީގެ އޭނާގެ ކައިވެންޏަށް ލިބިފައިވާ ދަރިންތަކެއް ވަގަށް ނަގަން ދަންވަރު ވަގުތެއްގައި އެ ގެއަށް ވަދެ އުޅެނިކޮށް ފަޅާއަރައި ހިންގި މާރާމާރީގައެވެ. އެ މާރާމާރީގައި ތިން އަހެނަކާއި އެއް ފިރިހެނަކަށް އެކި ވަރުގެ އަނިޔާވެފައިވާއިރު 39 އަހަރުގެ އަންހެނެއް އިނގިލީގައި ދަތް އަޅާ ބުރިކޮށްލައިފާވާއިރު 31 އަހަރުގެ އަންހެނެއްގެ މުލަށްދަޑީގައި ވަނީ ދަތް އަޅާފައެވެ.
އަދި 60 އަހަރުގެ އަންހެނެއްގެ އިނގިލި ބިންދާފައިވާއިރު 74 އަހަރުގެ ފިރިހެނެއްގެ އަނގަ މަތި ވަނީ ފަޅާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލީގެ ކުރީގެ އަންހެނުންނާއި އޭނަގެ މަންމަ އަދި އެ އާއިލާގެ ފިރިހެނެކެވެ.
ޕީޖީއިން ބުނީ އަލީ ގއ. ވިލިނގިލި، ޝާދީވިލާ ގެއަށް ހުއްދަނުހޯދައި ވަދެ، އެގޭގައި ތިބި ބަޔަކާމެދު މާރާމާރީ ހިންގައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި އޭނާގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން އަނިޔާއެއް ދިނުމުގެ ކުށުގެ 3 ދައުވާއަކާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާގެ އިތުރުން ގައިގާ އަތްލުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ފަސް މަސްދުވަހަށް އަލީ ހަސަން ޖަލަށް ލުމަށް މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ.