މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބްރެޒީލްއިން ގެއްލިގެން ހޯދަން ފެށި އިނގިރޭސި ނޫސްވެރިޔާ ޑޮމް ފިލިޕްސްއާއި، މަސައްކަތުގައި އޭނާއަށް އެހީތެރިވުމުގެ ގޮތުން ބައިވެރިވަމުން ދިޔަ ބްރޫނޯ ޕެރެއިރާ ގުޅުން ހުރި ބައެއް ސާމާނު، ބްރެޒީލްގައި އޮންނަ ދުނިޔޭގެ އެންމެ ބިޔަ ޖަންގަލި ކަމަށް އެމޭޒަންއިން ފެނިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޕެރެއިރާގެ ހެދުމާއި އޭނާގެ ހެލްތު އައިޑެންޓިޓީ ކާޑު ފެނިފައި ވާ އިރު، ފިލިޕްސްގެ ހެދުމާއި ދެ މީހުންގެ ބޫޓު ލާފައި އޮތް ދަބަހެއް ފެނިފައި ވާ ކަމަށް ފުލުހުން އާންމު ކުރި ބަޔާނުގައިވެއެވެ. ހެދުމުގެ އިތުރުން ލެޕްޓޮޕެއްވެސް އޮތް ދަބަސް ފެނިފައި ވަނީ، ދެބައިކުޅަ އެއްބައި ފެތިފައި ހުރި ގަހެއްގައި އައްސާފައި ހުއްޓާ ކަމަށާ، އެ ސަރަހައްދަކީ ފިލިޕްސްއާއި ޕެރެއިރާ އެންމެ ފަހުން ފެނުނު ސަރަހައްދު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމޭޒަން ޖަންގައްޔަކީ، އާންމު ދުނިޔެއާއި ގުޅުމެއް ނެތް ގޮތަށް، އެކަހެރިކޮށް، ގަދީމީ ދަރިކޮޅުގެ އެތައް ބަޔަކު އަދިވެސް ވަޒަންވެރިވެފައިވާ ސަރަހައްދަކަށް ވާ އިރު، ފިލިޕްސް މަސައްކަތް ކުރަމުން ދިޔައީ އެފަދަ ރިޕޯޓެއް ގެނެސް ދިނުމަށެވެ.

ފިލިޕްސްއާއި ޕެރެއިރާ ހޯދުމަށް 150 ސިފައިންގެ ފައުޖެއް ހަރަކާތްތެރިވަމުން ދާއިރު، ގަދީމީ ދަރިކޮޅުތަކުގެ ޓީމުތަކުންވެސް އެހީ ފޯރުކޮށްދެމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.

ފިލިޕްސްއާއި ޕެރެއިރާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައި ވާ ކަމަށް ހުކުރު ދުވަހުވެސް ވަނީ ރިޕޯޓް ކޮށްފައެވެ. ފޮރެންސިކް ތަހުގީގަށް އެ ސަމާނު ފޮނުވާފައިވާ އިރު، ޝައްކު ކުރެވޭ މީހެއްގެ ބޯޓުން ފެނުނު އިންސާނެއްގެ ލޭގެ ސާމްޕަލްވެސް ޑޮމް ފިލިޕްސްގެ މައުލުމާތާ އަޅާ ކިއުމަށް ފޮރެންސިކް ތަހުގީގަށް ފޮނުވާފައި ވާ ކަމަށް ހަބަރު ލިބެއެވެ.