ދިވެހިން އާންމުކޮށް ބޭނުންކުރާ މުދަލުގެ އަގު ބޮޑުވާ މައްސަލާގައި އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ކުއްލި މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މުދަލުގެ އަގު ބޮޑުވެ ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް އަގުތައް ގޮސްފައިވާ ކަމަށާއި އިންފްލޭޝަން މަތިވުމާއެކު ދިވެހިން އާންމުކޮށް ބޭނުން ކުރާ މިފްކޯގެ މަސްދަޅު ފަދަ ތަކެތީގެ އަގު ވެސް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުން ކުރާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓާއި ކާގޯ ހިދުމަތްތަކުގެ އަގާއި އިމާރާތް ކުރުމުގައި ބޭނުން ކުރާ ދަގަނޑު ފަދަ ތަކެތީގެ ވެސް އަގު ބޮޑުވަމުންދާ ކަމަށް އާދަމް ޝަރީފް ހުށައެޅުއްވި މައްސަލާގައި ވަނީ ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން އާދަމް ޝަރީފް ވަނީ ސަރުކާރު ކުންފުނިތަކުން އުފައްދާ ތަކެތީގެ ތެރެއިން ދިވެހިން އާންމުކޮށް ބޭނުން ކުރާ މުދަލުގެ އަގުތައް ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެ މައްސަލާގައި ގޮވާލައްވާފައެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ މައްޗަށް ދިޔަ ކަމަށް ބުނެ، މިފްކޯއިން ތައްޔާރުކޮށް ވިއްކާ ދަޅު މަސް ކޭހަކުން 150 ރުފިޔާ ބޮޑުކޮށްފައެވެ. އަދި އެ ނޫނަސް ގިނަ އެއްޗެހީގެ އަގު ބޮޑުކުރަމުން އަންނަ ދަނޑިވަޅެއްގައި ޕްލާސްޓިކްގެ 8 ބާވަތެއް އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައި ވުމުން ކޮކާކޯލާއާއި ބޮނަކުއާގެ އިތުރުން ބައެއް ބާވަތްތަކުގެ އަގު ވަނީ ބޮޑުކޮށްފައެވެ.
މިއަދު އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރުން ދެއްވިއިރު ބަހުސް ކުރަން ނުފެންނަ ކަމަށް 29 މެމްބަރަކު ވޯޓު ދެއްވިއެވެ.