ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މައިގަނޑު މަގުސަދަކީ އަމިއްލަ ގައުމުގެ ދިފާއު ކަމަށާ، އެކި އަހަރުތަކުގެ މަތިން، ނިއުކްލިއާ ހަތިޔާރުގެ މުއްސަނދިކަން ތިޔާގި ވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އިތުރު މަގުސަދެއްގައި އެ ހަތިޔާރު ބޭނުން ކުރުމުގެ ނިޔަތެއް ނެތް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހީ މިހެން ވިދާޅުވީ، 3 ދުވަހުގެ މުއްދަތަށް ސިންގަޕޫރުގައި ކުރިއަށް ގެންދާ 19 ވަނަ ޝަންގްރިއްލާ ޑައެލޮގްސް ނުވަތަ އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ދިފާއީ ކޮންފަރެންސްގައި ދެންނެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން، ފާއިތުވީ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް، ޗައިނާއިން 100 އެއްހާ ނިއުކްލިއާ މިސައިލް ސައިލޯސް ބިނާ ކޮށްފައި ވާތީ އެކަމާ ބެހޭ ގޮތުން ޗައިނާގެ ދިފާއީ ވަޒީރަށް ސުވާލު ދެންނެވުނެވެ. ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ވެއި ވިދާޅުވީ، ނިއުކްލިއާ ގާބިލިއްޔަތުކަން ކުރިއަށް ގެންދިއުމުގައި ގައުމުގެ ދިފާއުގައި ޗައިނާއިން އަބަދުވެސް ހިޔާރު ކުރަނީ އެދެވޭ ރާސްތާ ކަމަށެވެ.

ޗައިނާއިން ނިއުކްލިއާ ގާބިލިއްޔަތުކަން ފުޅާ ކުރަމުން ދާތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެފައި ވާ ކަމަށާ، އެ ރޮނގުން ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއްވެސް ހޯދާފައި ވާ ކަމަށް ބުނެވިދާނެ ކަމަށެވެ. އަދި ޗައިނާގެ ސިޔާސަތަކީ ސާބިތު ސިޔާސަތެއް ކަމަށާ، މަގުސަދަކީ "ސެލްފް-ޑިފެންސް" ނުވަތަ މިހާލަތުގައި ވަޒަނުގެ ދިފާއު ކަމަށް ވެއި ވިދާޅުވިއެވެ. އަދި ޗައިނާއަކީ ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭނުން އެންމެ ފުރަތަމަ ކުރާ ނުވަތަ އިސްވެ ކުރާ ގައުމަށް ނުވާނެ ކަމަށްވެސް ޗައިނާގެ ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ދިފާއީ ވަޒީރު ވެއި ފެންގްހީ. 19 ވަނަ ޝަންގްރިއްލާ ޑައެލޮގްސްގައި ވާހަކަދައްކަވަނީ / ފައިލް ފޮޓޯ: ގްލޯބަލް ޓައިމްސް

ޗައިނާގެ ދިފާއީ ވަޒީރު އިތުރަށް ވިދާޅުވީ އެ ގައުމުން މިހާރު ކުރިއަށް ގެންދާ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުގެ އަމާޒަކީ، ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭނުން ކުރާ ހަނގުރާމައެއް ނުކޮށް ވާނެ ގޮތް ހެދުން ކަމަށެވެ. ޗައިނާއިން ނިއުކްލިއާ ހަތިޔާރު އިތުރު ކުރުމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުނުވި ކަމުގައި ވީ ނަމަވެސް ޗައިނާގެ ދިފާއީ ވަޒީރު ވަނީ، އެ ގައުމުގައި މިހާރު ހުރި ނިއުކްލިއާ ހަތިޔާރުތަކަކީ ބޭނުން ކުރެވޭ ހަތިޔާރުތަކެއް ކަމަށް ވިދާޅުވެފައެވެ.

ޗައިނާގެ އިހުތިސޯސީ ބާރުގެ ދަށުގައި އޮންނަ ޓައިވާންގެ މިނިވަންކަމަށް އެމެރިކާއިން މަސައްކަތް ކުރާ ކަމުގައި ވަނީ ނަމަ، ހަނގުރާމައަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފައި ވާ އިރު، އެމެރިކާއާއި ޗައިނާއާ ދެމެދު ހަނގުރާމައެއް ފަށާ، ނިއުކްލިއާ ހަތިޔާރުގެ ބާރުގެ ބޭޏުން ކޮށްފާނެ ކަމުގެ ބިރުވެރިކަން، ދޭތެރެ ދޭތެރެއިން ބޮޑުވެއެވެ.