އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާ ގުޅިގެން އެކަމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެ ކޯލިޝަނުން ބުނީ އެ ޖަލްސާ އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖެއަކީ 100 ޕަސަންޓް އިސްލާމީ ދައުލަތަކަށްވާއިރު ރަސޫލާ އަށް ފުރައްސާރަ ކުރުމުން އެކަމާ ދެކޮޅަށް ދިވެހި ސަރުކާރުން އަޅާފައިވަނީ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

މީގެ އިތުރުން ރަސޫލާއަށް އޮތް ލޯބި ދައްކައިދިނުމަށް ޖަލްސާ ބާއްވަނީ އިދިކޮޅު ކޯލިޝަނުން އިންތިޒާމުކޮށްގެން ކަމަށްވީ ނަމަވެސް އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އިއްޔެ ހަވީރު ވަނީ "މަގޭ ނަބިއްޔާ" ގެ ނަމުގައި ސައިކަލު ބުރެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

އިންޑިއާއިން ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައިގައި ސައިކަލު ބުރެއް ޖަހާ އިރު، ރާއްޖޭގެ ސިޔާސީ ޕާޓީތަކުންނާއި އަދި ސަރުކާރުންވެސް ވަނީ އެ އަމަލު ކުށްވެރި ކޮށްފައެވެ.

އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އިންޑިއާގެ މުސްލިމުންނާއި އިސްލާމީ ބޮޑެތި ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނާއި އާއްމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަންނަނީ އިހުތިޖާޖުތައްވެސް ކުރަމުންނެވެ.