އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ އުފަންވާއިރުވެސް ނުކުޅެދުންތެރިކަން ލިބިފައިވާ ބަޔަކަށްވާއިރު އަނެއްބައި މީހުންނަކީ ދިރިއުޅުމުގައި ދިމާވާ ހިތާމަވެރި ހާދިސާއެއްގެ ސަބަބުން އެފަދަ ކަންކަމާ ކުރިމަތިލާން ޖެހިފައިވާ ބައެކެވެ. ފުރިހަމަ އިންސާނެކޭ އެއްފަދައިން އެ މީހުންނަކީ ވެސް އެންމެ ކުޑައިރުން ފެށިގެން ހުވަފެންތަކެއް ދެކި އެ ހުވަފެންތަކުގައި ކުލަ ޖައްސަން ގަދަ އަޅާ މަސައްކަތްކުރާ ބައެކެވެ. އަދި ހުވަފެން ހަގީގަތަކަށް ނުވެ ދިގުލައިގެން ދިޔަ ނަމަވެސް ހަގީގަތަކަށް ވާނެ ދުވަހެއްގެ އިންތިޒާރު ބަދަލު ނުކުރާ މީހުންވެސް އުޅެއެވެ.
ކުޑައިރުން ފެށިގެން ރާޅާ އެޅުމަށް ޝައުގުވެރިކަން ހުންނަ މ. މުލި އުމުރުން 34 އަހަރުގެ ހައިފް އަހުމަދު ދެކެމުން އައި ހުވަފެނަކީ ފުވައްމުލަކު ސިޓީއަށް ގޮސް ރާޅާ އެޅުމެވެ. ކުޑައިރު ދެކެމުން އައި ހުވަފެން އޭނާ އިއްޔެ ވަނީ ހަގީގަތަކަށް ހަދާފައެވެ.
"ދަ ޕްރެސް" އާ ވާހަކަދައްކަމުން ހައިފް ބުނީ ރާޅާ އަޅަން އުފެދުނު ޝައުގުވެރިކަމާއެކު އެންމެ ފުރަތަމަ ރާޅާ އަޅަން ފެށީ ގްރޭޑް 3 ގައި އުޅެމުން ކަމަށެވެ. އަދި ގްރޭޑް 6 އާ ހިސާބަށް ކިޔެވުމަށްފަހު ކިޔަވަން ބޭނުންނުވެ ކިޔެވުން ދޫކޮށްލި ކަމަށް ހައިފް ބުންޏެވެ.
މައިންބަފައިން އެދިގެން އޭރު މާފުށީގައި ހުންނަ އިސްލާހިއްޔާއަށް ފޮނުވި ކަމަށާއި އެތާވެސް ދެތިން މަސް ދުވަހު އުޅުމަށްފަހު އުޅޭ ހިތް ނުވި ކަމަށް ހައިފް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެތަނުގައި އުޅުނު ދުވަސްވަރު ގިނަ މަސައްކަތްތަކެއް ދަސްވެފައި ހުރުމާއެކު ވަޒީފާއަކަށް ދާން ބޭނުންވެގެން މަސައްކަތް ފެށި ކަމަށް ހައިފް ކިޔައިދިނެވެ.
ހައިފް ބުނީ އޭނާގެ އުމުރުން 14 އަހަރުގައި ފުރަތަމަ ވަޒީފާއަކަށް ދިޔައީ ޔޮޓަކަށް ކަމަށާއި އެއަށްފަހު ސަފާރީއަކަށް ވެސް ވަޒީފާއަށް ދިޔަ ކަމަށާއި ސަފާރީގަައި އުޅެމުން ޑައިވިން ކޯހެއް ފުރިހަމަކުރިކަން ފާހަގަކޮށް ހައިފް ބުނީ ސަފާރީ ވިއްކާލުމުން ބޭބެއެއްގެ ލޯންޗުގައި މަސައްކަތް ކުރި ކަމަށެވެ. އަދި ލޯންޗު ކެޕްޓަނަކަށް ވުމަށް ދެކެމުން އައި ހުވަފެނުގައި ކުލަޖެއްސުމަށްޓަކައި އެކަން ދަސްކޮށް 18 އަހަރުވުމާއެކު ހައިފް ވަނީ ލައިސަސްވެސް ނަގާފައެވެ.
ހައިފްގެ ފަޔަށް ވީ ކިހިނެއް؟
ލޯންޗު ދުއްވުމުގެ ލައިސަސް ހޯދުމަށްފަހު ހައިފް ލޯންޗެއްގައިވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ލޯންޗު ވިއްކާލުމާއެކު ލޯންޗުން ފައިބައިގެން އޭނާ ދިޔައީ ބ. ތުޅާދޫ ރައްޓެއްސެއްގެ ގާތަށެވެ. އަދި ސަފާރީގައި އުޅުނުއިރު ދިމާވި ރައްޓެެއްސަކު ބުނެގެން އޭނާ ރ. އިނގުރައިދުއަށް ފީނުމުގެ މަސައްކަތަށް ދިޔައެވެ.
ހައިފް ބުނީ އެ މީހުންނާ އެއްކޮށް ފީނަން ދިޔައީ މަހެއްހާ ދުވަހު ކަމަށާއި އޭގެ ފަހުން އުނަގަނޑުން ތިރި ވާގިނެތުނީ ކަމަށެވެ. އޭރު ހައިފްގެ އުމުރުން 21 އަހަރެވެ. އޭނާ ބުނީ އެ ދުވަހު ފީނުމަށްފަހު ދޯންޏަށް އެރި އިރުވެސް ރަނގަޅު ކަމަށާއި ދޯންޏަށް އެރިފަހުން ލޯ މައްޗަށް އަދިރިވާން ފެށުމުން އަމިއްލައަށް ހިނގާފައު ގޮސް އޮށޯތީ ކަމަށެވެ. ހަމައަކަށް އެޅުމުން ތެދުވަން މަސައްކަތް ކުރި ނަމަވެސް ތެދުވެވޭ ގޮތް ނުވި ކަމަށް ހައިފް ކިޔައިދިނެވެ.
ހައިފް ބުނީ އޭރު އޭނާގެ އުމުރުން 21 އަހަރު ނަމަވެސް އެހެންވެގެން އައިޖީއެމްއެޗަށް ގެން ގޮސް އެޑްމިޓްކުރި ދުވަހަކީ އޭނާގެ 22 ވަނަ އުފަން ދުވަސް ކަމަށެވެ.
ހައިފް ބުނީ އެކަން އެހެންވީ ހަމައެކަނި ޑައިވިނުގެ މައްސަލައަކުން ކަން ލަފާނުކުރެވޭ ކަމަށް ޑޮކްޓަރުވެސް ބުނި ކަމަށާއި ރާއްޖެއިން ބޭރަށް ގޮސް ހެދި ޓެސްޓުތަކުން މައިބަދައިގެ ބަދަތަކަށް ގެއްލުންވެފައި ހުރިކަން އެނގުނު ކަމަށެވެ.
އަލުން ރާޅާ އަޅަން ފެށުން:
6 އަހަރުގެ މެދުކެނޑުމަކަށް ފަހު ރާޅާ އަޅަން ފެށުނު ގޮތް ކިޔައިދެމުން ހައިފް ބުނީ ރައްޓެއްސެއްގެ އެދުމުގެ މަތިން އޭނާގެ ސަފާރީގައި ގެސްޓުން ގޮވައިގެން ނައިޓް ފިޝިންއަށް ގޮސް އަނެއް ދުވަހު ފަތިހު ހޭލިތަނާ ގެސްޓަކު ބޫގީއެއް ދިން ކަމަށެވެ. ކުރިން ހައިފް ރާޅާ އަޅަން އުޅުނު ކަމުގެ މައުލޫމާތު އެ މީހާއަށް ލިބިފައި ވާތީ ހައިފް އަނެއްކާ ރާޅާ އަޅަން ފަށަން އޭނާ ބޭނުންވި ކަމަށް ބުންޏެވެ.
މަސް ދަތުރު ދިއުމަށް ބޭނުންކުރާ ލޯންޗެއްގެ ކައްޕިއެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ހައިފް ބުނީ އޭނާ އެންމެ ޅަދުވަހުން ފެށިގެން ދެކޭ ހުވަފެނަކީ ފުވައްމަލަކަށް ދިޔުން ކަމަށެވެ. އެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔުމުގެ މަގު ފަހިވެގެން ދިޔައީ ފުވައްމުލަކުގެ ފޮޓޯއެއް ހިއްސާކޮށް އެ ރަށަށް ދިޔުމަކީ ހައިފް ދެކޭ ހުވަފެނެއް ކަމަށް ޖެހުމާއެކުގައެވެ. ހައިފް ބުނީ ރާއްޖޭގައި ހަމައެކަނި ބީޗު ބްރޭކެއްގައި ރާޅާ އެޅެން އޮންނަނީ ފުވައްމުލަކުގައި ކަމަށާއި ދެން ހުންނަނީ ރީފް ބްރޭކްތައް ކަމަށެވެ. ފުވައްމުލަކަކީ ބީޗު ބްރޭކެއްގައި ރާޅާ އެޅެން އޮންނަ ތަނަކަށްވެފައި ފުވައްމުލަކަކީ ވަރަށް ރީތި ރަށަކަށް ވުމުން ހަމަ ލޮލުން ދެކިލަން ބޭނުންވީ ކަމަށް ހައިފް ބުނިއެވެ.
ހައިފް ބުނީ ޕޯސްޓް ހިއްސާކުރީ އެ ރޭ ފަތިހު ކަމަށާއި އަނެއް ދުވަހު ހެނދުނު ހޭލެވުނީ ފޯނެއް އަންނާތީ ކަމަށެވެ. ގުޅީ މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގައި މަސައްކަތް ކުރާ ރަޝް ކަމަށް ހައިފް ބުންޏެވެ. އެ ހުވަފެން ހަގީގަތަކަށް ހަދައިދޭން މަސައްކަތް ކޮށްދޭނެ ކަމަށާއި ނަންބަރު ފުވައްމުލަކު ރައްޓެއްސަކަށް ދިނުމުގެ ހުއްދަ ހޯދުމަށް ފަހު ރަޝް ފޯނު ބޭއްވިތާ ދެ ގަޑިއިރެއް ހާއިރު ފަހުން ގުޅީ ފުވައްމުލަކު ސައުދުﷲ އަހުމަދު ހަސަން ކަމަށެވެ. އޭނާގެ ގެސްޓު ހައުސްގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ސައުދު ބުނި ކަމަށްވެސް ހައިފް ބުންޏެވެ.
ހައިފް ބުނީ އޭނާގެ ރަށުން ފެށިގެން ފުވައްމުލަކާ ހިސާބަށް ދެކޮޅު ޓިކެޓު ހަމަޖައްސައިދިނީ ފުވައްމުލަކު ސިޓީގެ މޭޔާރު ކަމަށެވެ. މީގެ އިތުރުން ބާބާ ގާޑިޔަލުގެ އިތުރުން އެތައް ބައެއްގެ އެހީތެރިކަމާއެކު އެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔަކަން ހައިފް ފާހަގަކުރެއެވެ. އަދި ފުވައްމުލަކުން ކިއި ހޫނު މަރުހަބާއަކީ ގަބޫލުކުރަން ދަތި، ހަނދާން ނައްތާ ނުލެވޭނެ ކަމެއް ކަމަށް ހައިފް ބުންޏެވެ.
ހައިފްއާއެކު އެ ދަތުރުގައި އޭނާގެ ގާތް ރަހުމަތްތެރިޔާ އައިހަމް އަދުނާން ވެސް ބައިވެރިވިއެވެ. ހައިފް ބުނީ އޭނާއަށް ބޫގީ ލިބުނު ފަހުން ރާޅާ އަޅަން ދަނީ އައިހަމްއާއެކު ކަމަށާއި އައިހަމް ޑިއުޓީ ވަގުތެއްގައި ނަމަ މިފަހަރު ރާޅާ އެޅުމުން ޖޫނިއާ ޗެމްޕިއަން ހޯދި ސާނިފްއާއެކުވެސް ރާޅާ އަޅަންދާ ކަމަށެވެ.
އައިހަމް ބުނީ 6 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ހައިފް އަށް އަނބުރާ ރާޅާ އަޅަން ފެށުނީ ނުވާނެއޭ ކިޔާ ދޫކޮށްލުމުގެ ބަދަލުގައި ވަރަށް ހިތްވަރުކޮށް ގެން ކަމަށެވެ. ހައިފްއަށް އަލުން ރާޅާ އަޅަން ދަސްވީ ވަރަށް މަސައްކަތުން ކަމަށާއި ކުރިއަށް އޮތް ތަނުގައި މުބާރާތްތަކުން ފެންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށްވެސް އައިހަމް ބުންޏެވެ. އައިހަމް ބުނީ ހައިފް ނޫނަސް ހައިފް ފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް މީހުން ކޮށްދޭ މަސައްކަތަށް ވަރަށް ބަލައިގަންނަ ކަމަށާއި މި ދަތުރުގައި ފުވަމުލަކުގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ހައިފް ދެކެމުން އައި ހުވަފެން އިއްޔެ ހަގީގަތަކަށް ވެގެން ދިޔައިރު އެ ތަޖުރިބާއަކީ ވަރަށް "ސަޅި" ތަޖުރިބާއެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ. ހައިފް ބުނީ ބީޗު ބްރޭކަށް ރާޅާ އެޅުމަކީ ރީފް ބުރޭކާ އަޅާ ބަލާއިރު ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. ހައިފް ބުނީ ރާޅާ އެޅުމުގައި އެެންމެ އެހީތެރިވި ފަރާތުގެ ގޮތުގައި ފާހަގަކުރަނީ ބޫގީ ދިން ގެސްޓު ކަމަށާއި ދެން ރާޅާ އަޅަން އުޅޭ ހުރިހާ ކުދިންގެ ފަރާތުންވެސް ވަރަށް ހިތްވަރާއި އެހީތެރިކަން ލިބޭ ކަމަށެވެ.
ހައިފް ވަނީ އެ ދަތުރުގައި އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަށާއި ފުވަމުލަކުގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ހާއްސަކޮށް ރަޝް އަދި އެ ރަށުގެ ސާފް ކޮމިއުނިޓީގައި އުޅޭ ހުރިހާ ކުދިންނަށާއި ރަށުގެ ރައްޔިތުންނަށް ހައިފް ޝުކުރު އަދާކުރެއެވެ.