ގައުމު ތަރައްގީ ކުރުމަށް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް އޮތުން މުހިންމު ކަމަށާއި، ދަތުރުފަތުރުގެ ނިޒާމް ވަރުގަދަ ކޮށްގެން ނޫނީ ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްހެއެވެ.
ގައުމީ ފެރީ ނިޒާމް، ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ހިދުމަތް ލިންކް (އާރްޓީއެލް) ރަސްމީކޮށް އިފްތިތާހު ކުރުމަށްޓަކައި ވާޗުއަލްކޮށް ބޭއްވި ހަފްލާގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރަން އެދޭނަމަ، އަދި ލާމަރުކަޒީ ނިޒާމް ވަރުގަދަ ކުރަން އެދޭ ނަމަ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށެވެ.
"ގައުމެއްގައި ބޮޑެތި ޕްރޮޖެކްޓުތަކެއް ހިންގިޔަސް އެގައުމެއްގައި ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ނުވާނަމަ އެގައުމެއް ކުރިއަކަށް ނުދާނެ. މިއަދު މި ފެއްޓޭ މިވަރުގަދަ ނިޒާމުގެ ތެރެއިން ރާއްޖެއަށް ހަމަގައިމުވެސް ތަރައްގީ ގެނުވާނެ." ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވި ގޮތުގައި، ފެރީގެ ނިޒާމުން ހުރިހާ ރަށްތައް ގުޅާލާއިރު، ބޮޑު އިސްކަމެއް ދޭނީ ސަލާމަތާއި ރައްކާތެރިކަމާ އެކު އަވަހަށް އެ މީހެއްގެ ރަށަށް ފަސޭހަކަމާ އެކު ދެވޭނެ ގޮތެއް ހެދުމަށެވެ. އެހެންކަމުން، ސަރުކާރުން އާރުޓީއެލް ފެރީ ނިޒާމަކީ އެކަންކަން ހާސިލްކުރަން އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، އެ ނިޒާމާ އެކު ރާއްޖޭގެ އިގްތިސޯދު ފެންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ހިދުމަތް ކައިރި މުސްތަގުބަލެއްގައި ހުރިހާ ރަށަކަށް ފުޅާކޮށް، އެ މަޝްރޫއުގެ ސަބަބުން އާންމުންނަށާއި އިގްތިސޯދަށް ކުރިއެރުން ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ގައުމެއް ތަރައްގީވުމުގައި ދަތުރު ކުރެވޭނެ ފަސޭހަ ގޮތެއް އޮތުން މުހިންމު ކަމަށެވެ. އަދު ދަތުރުފަތުރުގެ ނިޒާމުން ގުޅާލައިގެން މެނުވީ ރާއްޖެ އިތުރަށް ތަރައްގީ ކުރަން ދަތިވާނެ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އާރުޓީއެލް ރޭ އިފްތިތާހު ކޮށްފައިވާއިރު، މިއަދު އެ މަޝްރޫއުގެ ދަށުން ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ފެރީ ހިދުމަތުގެ ދަށުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅުންނެވެ.
އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.