ހައި ސްޕީޑް ފެރީ އެއްވިއުގައަކުން ގުޅާލުމަށް ސަރުކާރުން ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް މާދަމާ ފަށަން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ، މި ހިދުމަތް ރަސްމީކޮށް ފެށުމުން، ދެން ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެން ކަމަށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތް ޓިކެޓް ނަގައިގެން ކުރުމަށް ރަސްމީކޮށް ފެށުނު ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، އެންސްޕާގައި ރެޖިސްޓާވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް މާދަމާ އިން ފެށިގެން ކަނޑައަޅާފައިވާ ރޭޓްގައި އަގު ނަގަން ފަށާއިރު، ކަސްޓަމަރުން ޓިކެޓް ނަގަން ބޭނުން ކުރާނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕެވެ. އެ ގޮތުން އާރްޓީއެލް ޓްރެވަލް އެޕް ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބެއް ގެނުވާނެ މި ފެރީ ނިޒާމުގެ އެންމެ މުހިއްމު އެއް ސިފައަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުންނަށް އަރާ ފޭބުމަށާއި ދަތުރުކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އެގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކިތަނެއް ހާއްސަކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ފެރީ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ އަތޮޅުތަކުގެ ތެރެއިން ހދ. އަތޮޅުގެ ރަށްތަކަށް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އާރްޓީއެލްގެ ހިދުމަތަށް ރައްޔިތުން އަހުލުވެރި ކުރުވުމަށްޓަކައި އެ ކުންފުނިން ހިދުމަތް ދެމުން އައިސްފައި ވަނީ މުޅިން ހިލެއެވެ. މީގެ މަގްސަދަކީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް މި ހިދުމަތް ބޭނުންކޮށް ތަޖުރިބާ ކުރުމަށް ފުރުސަތު ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މިހާރު އެމްޓީސީސީން ތައްޔާރު ވަނީ ހއ. އަތޮޅުގެ ރަށްތަކަށް ހިދުމަތް ފެށުމަށެވެ. އެ ގޮތުން އާރްޓީއެލް އާގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 6 އިން 9 ގެ ނިޔަލަށް ވަނީ ހިންގާ ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ހިދުމަތް ފުޅާ ކުރުމަށް ބޭނުންވާ އިތުރު ފެރީތައް ބޭލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް އެމްޓީސީސީން ބުނެއެވެ.

އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަކޯން ކޮށްފައެވެ. އަދި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާ ކޮށްފައި ހުންނާނީ އެފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފެރީގައި ފާހާނަ ކުރެވެން ހުންނަ އިރު، ލަގެޖް ބެހެއްޓުމަށް ވެސް ޖާގަ ހާއްސަ ކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރްޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.