"އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ނުވަތަ ހައިސްޕީޑް ފެރީގެ ހިދުމަތަށް ޕޯޓަލް އަދި އެޕްލިކޭޝަނުން ޓިކެޓު ނެގޭނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން ވަނީ އެ ހިދުމަތަށް ޓިކެޓު ނެގުމަށް އާރްޓީއެލް ކަސްޓަމާ ޕޯޓަލްގެ އިތުރުން އާރްޓީއެލް މޯބައިލް އެޕްލިކޭޝަނުން ޓިކެޓު ނަގާނެ ގޮތް ވެސް ކިޔައިދީފައެވެ.

އެގޮތުން އާރްޓީއެލް ކަސްޓަމާ ޕޯޓަލްގެ ހިދުމަތް ހޯދުމަށް ލިންކަށް ވަދެގެން ކުރިއަށްގެންދެވޭއިރު އާރްޓީއެލް އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑްކުރެވޭނެއެވެ.

އެޕްލިކޭޝަނަށް ވަދެ ރަޖިސްޓްރީ ކުރުމަށްފަހު ނުވަތަ ޕޯޓަލްއަށް ވަނުމަށްފަހު ދަތުރު ފަށާ ރަށާއި ދާން ބޭނުންވާ ރަށް ހިޔާރުކުރުމަށްފަހު ދަތުރަކީ އެއްކޮޅަށް ނުވަތަ ފުރި ރަށަށް އެނބުރި އަންނަ ގޮތަށް ކުރާ ދަތުރެއްތޯ ފާހަގަކުރަން ޖެހެއެވެ. އަދި ދަތުރުކުރާ މީހުންނާއި ތިން އަހަރުން މަތީގެ މީހުންގެ އަދަދު ފާހަގަކުރަން ޖެހެއެވެ.

ދަތުރުކުރާ ކޮންމެ މީހަކާއެކު ތިން އަހަރުން ދަށުގެ ކުއްޖަކު ހިލޭ ދަތުރުކުރެވޭއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އާރްޓީއެލްއިން ހިލޭ ދަތުރުކުރެވެއެވެ.

ފުރާ ތާރީހާއި ފުރި ރަށަށް އަންނަ ތާރީހު ހިޔާރުކުރުމަށްފަހު ދަތުރުކުރަން ބޭނުންވާ ވަގުތުތައް ފާހަގަކުރުމާއެކު ބޭނުންވާ ސީޓުތައް ވެސް ފާހަގަކޮށްލެވޭނެއެވެ. އަދި ދަތުރުކުރާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

ދަތުރުތަކުގެ އަގުތަކަށް ބަލާއިރު ހދ. އަތޮޅުގެ 14 ރަށުގެ ތެރެއިން އެންމެ އަގު ބޮޑީ މުޅިން ވަކިން އޮންނަ މަކުނުދޫ އަށް ކުރާ ދަތުރުތަކެވެ. ހދ. އަތޮޅުގެ ކޮންމެ ރަށަކުން މަކުނުދޫ އަށް ދަތުރުކުރި ނަމަވެސް އެއްކޮޅު ޓިކެޓްގެ އަގަކީ 100 ރުފިޔާއެވެ. މަކުނުދޫ އަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓުގެ އަގަކީ 200 ރުފިޔާއެވެ.

ހދ. އަތޮޅުގައި ކުރާ ދަތުރުތަކުގެ ތެރެއިން އެއްކޮޅު ޓިކެޓަކަށް 35 ރުފިޔާ އަދި ދެކޮޅު ޓިކެޓަށް 65 ރުފިޔާ ނަގަނީ:

  • ހަނިމާދޫ - ނޮޅިވަރަންފަރު
  • ފިނޭ - ހިރިމަރަދޫ
  • ކުރިނބީ - ހިރިމަރަދޫ
  • ނެއްލައިދޫ - ހިރިމަރަދޫ
  • ނޮޅިވަރަމް - ހިރިމަރަދޫ
  • ކުޅުދުއްފުށި - ކުމުންދޫ
  • ނޮޅިވަރަމް - ކުޅުދުއްފުށި
  • ނޭކުރެންދޫ - ކުޅުދުއްފުށި
  • ނެއްލައިދޫ - ކުރިނބީ
  • ނެއްލައިދޫ - ނާވައިދޫ
  • ވައިކަރަދޫ - ނޭކުރެއްދޫ
  • ކުމުންދޫ - ނޭކުރެންދޫ
  • ނޮޅިވަރަމް - ނޮޅިވަރަންފަރު

50 މީހުންގެ ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށް އެމްޓީސީސީން ގަލްފް ކްރާފްޓް މޯލްޑިވްސް އާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް 11 ގައެވެ. 30 ނޮޓްގެ ބާރުމިނުގައި ދުވާ އެ ފެރީތަކުގައި ފަސިންޖަރުންގެ ސީޓާއި ކެބިން ފަރުމާކުރެވޭނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނަ ގޮތަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ އިންތިޒާމްތަކެއް ވެސް މި ފެރީތަކުގައި ގާއިމްކުރެވިފައި ވާނެއެވެ

އިންޓަގްރޭޓަޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނެޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯނާއި ހަ ސަރަހައްދު ގުޅުވައިދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.

އެގޮތުން ފެރީ ނެޓްވޯކުން ހަ ސަރަހައްދުގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅުވައިލެވޭ އިރު، އެއް ސަރަހައްދާއި އަނެއް ސަރަހައްދާވެސް ގުޅިގެން ދާނެއެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.