ރާއްޖެގޭ މަޝްހޫރު ލަވަކިޔުންތެރިޔާ އައިޝަތު އުނޫޝާ (ކިޑީ) އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާން މުކަރްޖީއާ އެކު ހިންދީ ލަވައެއްގައި ދިވެހި ބަހުން ޅެން ބައިތުތައް ހިމަނައިގެން ކިޔާފައިވާ ދިލް އުޅޭޔާ ރިލީސް ކޮށްފިއެވެ.

މިއަދު މި ލަވަ ރިލީސް ކުރި ކަން އިއުލާން ކުރަމުން ޝާން ބުނެފައި ވަނީ، ދިލް އުޅެޔާ މި ލަވައަކީ އުފާވެރިކަން ހިއްސާކޮށް މި ވަގުތު އުފަލުގައި ހޭދަކުރުމުގެ މާނައިގައި ގެނެސްދީފައިވާ ލަވައެއް ކަމަށެވެ.

މިއަދު ރިލީސްކޮށްފައިވާ މި ލަވައިގެ ވީޑިއޯއިން ފެނިގެން ދަނީ ރާއްޖޭގެ ހިތްގައިމު ރީތި މަންޒަރުތަކެވެ. ހިތްގައިމު އަދި ނަށަލަން ރީތި ރާގަކަށް ކިޔާފައިވާ މި ލަވައިން ޝާންއާއި އުނޫޝާ ފެނިގެން ދާ އިރު މި ދެ ލަވަކިޔުންތެރިނވެސް ލަވައިގެ ރާގަށް އެއް ހަމައަކަށް ރީތި ސްޓެޕްތަކަކަށް ނަށާ މަންޒަރުވެސް ފެނެއެވެ. މި ލަވައިގެ މައިގަނޑު ހިންދީ ބަހުން ކިޔާފައިވީ ނަމަވެސް ލަވައިގައި ރެޕް ކުރާ ބައެއް ހިމެނެއެވެ. އެ ބައި ގެނެސްދީފައިވަނީ ދިވެހި ބަހުންނެވެ. ރެޕް ބައި އުނޫޝާއާއި ޝަން ވެސް ކިޔާފައި ވާއިރު މިއީ އަޑު އަހަލާން ވަރަށް ހިތްގައިމު ރީތި ލަަވައެކެވެ.

ޝާން ކޮމްޕޯސްކޮށް އުނޫޝާއާއި ޝާން ކިޔާފައިވާ މި ލަވައިގެ ޅެން ދިވެހި ބަހުންނާއި ހިންދީ ބަހުން ގެނެސްފައިވާ އިރު، ހިންދީ ޅެން ހަދާފައި ވަނީ ރާޖޭޝް މަންތަން އެވެ. އަދި ދިވެހި ޅެން ހަދާފައި ވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޯމްޕޯސަރު މުހައްމަދު އަބްދުލްޣަނީ (ތޭރަ) އެވެ.

މި ލަވަ ރިލީސް ކޮށްފައިވާ އިރު އުނޫޝާ ވަނީ އޭނާ އަށް މި ފަދަ ފުރުސަތެއް ލިބުނީ ތީ އަދި މި ލަވަ މިހާ ފުރިހަމަ ކޮށް ނިންމާލުމުގައި އޭނާއަށް އެހީތެރިވެދިން ހުރިހަ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. ހަމައެއާއެކު މިލަވައިގައި ރެޕް ބައި ދިވެހިން ކިޔުމަށް ޗާންއަށް އުނޫޝާގެ ފަރާތުން އެހީތެރިކަން ލިބިފައިވާ އިޓީ އެކަން ޝާން ވަނީ ފާހަގަ ކޮށްފައެވެ.

"ދިލް އުޅެޔާ" މި ލަވައަކީ ޑާންސް ފީލް ހިމެނައިގެން ރެގޭ މިއުޒިކަށް އުފައްދާފައިވާ ލަވައެކެވެ. ހަމައެއާއެކު މި ލަވައިގައި ދިވެހި ބޮޑުބެރުގެ ފޯރިގަދަ އަޑުތައްވެސް ވަނީ ހިމަނާފައެވެ. އުނޫޝާ އާ ޝާން ފެނިގެންދާ މިލަވަ އެއްކޮށް ޝޫޓްކޮށްފައި ވަނީ ރާއްޖޭގައެވެ. ލަވައިގެ މަންޒަރުތައް ނަގާފައިވަނީ ކްރޮސް ރޯޑްގެ ހާޑް ރޮކް ހޮޓަލްގައެވެ.