ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގެ މޭ މަހު ދިން ބޮމުގެ ހަމަލާގެ މައްސަލަ އާއި ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

6 މޭ ގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ހެނދުނު 10 ޖަހާއިރަށެވެ. އަދި އާ ރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މާދަމާ ހަވީރު 4 ޖަހާއިރަށެވެ.

ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ބޮން ގޮއްވާލި އަދުހަމް އަހުމަދު ރަޝީދު ހިޔާ، ވ. ތިނަދޫ 23 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އޭނާ ވަނީ ކުށަށް އިއުތިރާފުވެ، އަދަބަށް ލުއި ލިބޭ ގޮތަށް ދައުލަތާއެކު އެއްބަސްވުމެއް ހަދައިފައެވެ.

އާ ރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މި މަހުގެ 2 ވަނަ ދުވަހަށް ވެސް ތާވަލްކުރިއެވެ. އެހެންނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީ، އެ މައްސަލައިގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް، އެމަނިކުފާނުގެ ވަކީލުން އެތައް ފަހަރެއްގެ މަތިން އެދިވަޑައިގެންފައި ވަނިކޮށް ކްރިމިނަލް ކޯޓުގެ ޔޫޓިއުބު ޗެނަލްއިން ވަނީ ލައިވްކުރަން ނިންމާފައެވެ.