އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގާފައިވާ މީހަކު ޕީޖީން ދައުވާ ކުރިލެއް ލަސްވެގެން ސަލާމަތް ވެއްޖެއެވެ.
މިއީ ޑިސެންބަރު 6، 2015 ދުވަހު ނ. މާފަރުގައި ހިނގާދިޔަ ހާދިސާއަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ނ. މާފަރު، ހީނާމާގެ، ޝަރުވަތު އަބްދުލްޣަނީގެ މައްޗަށް އުފުލި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ މައްސަލައެވެ. މި މައްސަލަ އެންމެ ފުރަތަމަ ޕީޖީން ހުށަހެޅީ މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓަށް ޑިސެންބަރު 15، 2016 ގައެވެ. ނަމަވެސް ޝަރުވަތު ޢަބްދުލްޣަނީގެ ފަރާތުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ބަދަލުކޮށް ދިނުމަށް ޕިޖީގައި އެދިފައި ވާތީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ޖުލައި 22، 2020 ގައި ޕީޖީޏް އެދުމުން އޮގަސްޓް 6، 2020 ގައި އެ މައްސަލަ މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓުން ވަނީ އަނބުރާ ޕީޖީއަށް ފޮނުވާލާފައެވެ.
އޭގެ ފަހުން ދައުލަތުން ފުރަތަމަ ފަހަރަށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ 31 ޑިސެންބަރު 2020 ގައެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައި ނުގަތުމަށް ނިންމުމުން، އަލުން އެ މައްސަލަ ޖަނަވަރީ 11، 2021 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލަ ރަޖިސްޓްރީ ކުރިއެވެ.
ކްރިމިނަލް ކޯޓުގައި ޝަރުވަތުވަތުގެ ފަރާތުން ވަނީ އެ ދައުވާ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މުއްދަތާ ގުޅިގެން ޝަކުވާ ހުށަހަޅާފައެވެ. ޝަރުވަތުގެ ފަރާތުން ފާހަގަކޮށްފައި ވަނީ، މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓުގައި އޮތް ދައުވާ އޮގަސްޓް 6، 2020 ގައި އަނބުރާ ގެންދިއުމަށް ފަހު އަލުން ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ 4 މަހާއި 24 ދުވަސް ފަހުން ކަމަށާއި، އެއީ އާދަޔާ ހިލާފަށް ގިނަ ދުވަސް ކަމަށެވެ. އަދި ޝަރުވަތަކީ ތަހްގީގް މަރުހަލާގައި ބަންދުގައި ބަހައްޓާފައިވާ މީހަކަށް ވާ އިރު، އެގޮތަށް ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލާ މީހާގެ މައްޗަށް ދައުވާ ކުރުމުގެ އެންމެ ދިގު މުއްދަތަކީ 45 ދުވަސް ކަމަށާއި ނަމަވެސް މި މައްސަލަ މިލަދުންމަޑުލު ދެކުނުބުރީ މާފަރު މެޖިސްޓްރޭޓް ކޯޓުން އަނބުރާ ގެންދިޔުމަށް ފަހު އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ 145 ދުވަސް ފަހުން ކަމަށް އެ ހުށަހެޅުމުގައި ބުނެފައި ވެއެވެ. އެހެންކަމުން އެ ހުށަހެޅުމަށް ރިއާޔަތްކޮށް އެ ގަޒިއްޔާ ކްރިމިނަލް ކޯޓުގައި މައުޟޫއީ ގޮތުން ކުރިއަށް ގެންދެވެން ނެތް ކަމަށް ކަނޑައަޅައި، ނިންމިއެވެ.
އެހެންކަމުން ދެން ޕީޖީން ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ދަށު ކޯޓުގައި މި މައްސަލަ ހުށަހަޅަން ލަސްވީ ކީއްވެ ކަން ޕީޖީން ޖަވާބު ދީފައެއް ނުވެއެވެ. ނަމަވެސް ހައިކޯޓުގައި ޕީޖީން ބުނެފައި ވަނީ މައްސަލަ ހުށަހެޅުން ލަސްވެފައި ވަނީ ނ. އަތޮޅުގައި ޕްރޮސިކިއުޓަރުން މަދުވުމުން އިދާރީ ކަންތައްތައް ފުރިހަމަ ނުވާތީކަމަށް ހައިކޯޓުގައި ދައުލަތުން ބުނެފައި ވެއެވެ.
ހައިކޯޓުގައި މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއިދު ކޮށްފައެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި، ވަކިކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސް މިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތުން ކަމަށް ބަޔާންކޮށްފައި އޮތް އޮތުމަށް ރިއާޔަތްކޮށް ހައިކޯޓުން ބުނީ، މި މައްސަލައިގައި އެއް ކޯޓުން އަނެއް ކޯޓަށް ބަދަލު ކުރަން ޖެހުނު ސަބަބަށާއި، މައްސަލައިގެ ހާލަތަށް ބަލައި، 4 މަހާއި 24 ދުވަސް ފަހުން ދަައުވާ އުފުލުމަކީ އެކަމުގައި ބޭކާރު ލަސްވުންތަކެއް ހިމެނޭ، އެކަށީގެންނުވާ މުއްދަތެއް ކަމުގައި ގަބޫލު ކުރާ ކަމަށެވެ. މި މައްސަލަ އެހެން ކޯތަކަށް ހުށަހަލާން ޖެހުނު އިރު، އިތުރު ތަހުގީގެއް ހިންގަން ނުޖެހުމާއި، ދައުވާ ފޯމަށްވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު، ދައުވާ ފޯމް އެހެން ކޯޓަކަށް ހުށަހަޅަން 157 ދުވަސް ނަގާފައި ވުމަކީ ބޭކާރު ލަސްވުމެއް ކަމަށް ހައިކޯޓުން ބުނެއެވެ.
އެހެންކަމުން މި މައްސަލައިގައި ހައްޔަރުކޮށްފައި ވާ ޝަރުވަތު ވަނީ ދޫކޮށްލާފައެވެ.