ގަވައިދާ ހިލާފަށް ދިވެހި ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ބޯޓެއް ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ދިވެހި ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ލަންކާގެ މަސްބޯޓެއް ކޯސްޓްގާޑު ޝިޕް ހުރަވީން ހިފަހައްޓާފައި ވަނީ މ. މުލިން 76 ނޯޓިކަލް މޭލު އިރުން ކަމަށެވެ.

ލަންކާގެ ބޯޓަކުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފާ ހިއްސާކޮށްފައިވަނީ "އަލަމޫ 2" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށް، އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ޖުމްލަ ހަ ފަޅުވެރިން ތިބި އެ ބޯޓު މިހާރު ދަނީ ސިފައިންގެ ބެލުމުގެ ދަށުން ލ. ކައްދުއަށް ދަތުރު ކުރަމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ބޭރުގެ އުޅަނދުފަހަރުން ދިވެހި ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ބޭނުންވާނެއެވެ.

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އަތުލައިގެންފި ނަމަ، ޖޫރިމަނާ ދައްކަން ޖެހޭނެއެވެ. އެ ނުދައްކައިފި ނަމަ ދައުލަތަށް އެ ބޯޓު ނެގުމުގެ ބާރު ވަނީ ލިބިފައެވެ.