ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްގެ ގޮތުގައި ސިފަ ކުރަމުން އަންނަ ޓްވިޓާގައި ހިންގާ ބޮޓް އަދި ސްޕޭމް ނުވަތަ ފޭކު އެކައުންޓްތަކާ ބެހޭ ގޮތުން އޭނާ ހޯދުމަށް އެދި ހުށަހަޅާފައި ވާ މައުލޫމާތު ފޯރުކޮށް ނުދީފިނަމަ، 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ހުށަހަޅާފައިވާ ހުށަހެޅުން އަނބުރާ ގެންދާނެ ކަމުގެ އިންޒާރު، މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މަހުޖަނު، އީލޯން މަސްކު ދީފިއެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ޓްވިޓާ ކުންފުންޏަށް ފޮނުވި ސިޓީއެއްގައި މަސްކުގެ ވަކީލުން ވިދާޅުވީ، ޓްވިޓާ ގަތުމަށް ހަދާފައިވާ އެއްބަސްވުމުގެ ދަށުން މަސްކަށް ލިބިދޭ މައުލޫމާތު ހޯދުމުގެ ހައްގަށް ހުރަސް އަޅަމުން ދާ ކަމަށެވެ. އެއްބަސްވުމައިގެން ކުރިއަށް ދިއުމާއި ކުރިއަށް ނުދިއުމުގެ ފުރިހަމަ ބާރުވެސް އޮތީ މަސްކުގެ އަތްމަތީގައި ކަމަށް އޭނާގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ޓްވިޓާ ކުންފުނިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްބަސްވުމުގެ ރޫހާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ، މައުލޫމާތު ހިއްސާކުރުމުގައި އެއްބާރުލުން ދެމުން ދާނެ ކަމަށެވެ.

44 ބިލިއަން ޑޮލަރަށް ޓްވިޓާ ވިއްކާލުމަށް ޓްވިޓާ ކުންފުނީގެ ބޯޑުގެ ސާފު އަގުލަބިއްޔަތުން ފާސް ކުރީ އޭޕްރިލް މަހުގެ ތެރޭގައެވެ. ނަމަވެސް އެ އެއްބަސްވުމަށް ފުރިހަމަ އަމަލީ ސިފަ އަންނާނީ ކުންފުނީގެ ހިއްސާދާރުންގެ ރުހުމާވެސް އެކުގައެވެ.

އެއްބަސްވުން އިއުލާން ކުރަމުން މަސްކު ވަނީ، ސްޕޭމް ބޮޓް އެކައުންޓްތައް ބަލިކޮށްލުމަކީ، އެ ޕްލެޓްފޯމްގައި އޭނާ އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަސައްކަތް ކަމަށް ބުނެފައެވެ. ނަމަވެސް މައުލޫމާތު ހިއްސާ ކުރުމުގެ މައްސަލާގައި ދެބަސްވުންތަކެއް އުފެދި، ކުންފުނި ގަތުމުގެ މަސައްކަތް މަޑުޖެހިފައި އޮތް ކަމަށް މަސްކު ވަނީ ހުސްވި މަހު އިއުލާން ކޮށްފައެވެ.