އާންމުންގެ ތެރެއިން މި އަހަރު ހައްޖަށް ދާން އެދުނު މީހުންގެ މެދުގައި ގުރު ނަގައި، 100 މީހުން ހޮވައިފިއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މި އަހަރު ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވަނީ 453 މީހުންގެ ކޯޓާއެކެވެ. އަދި އެ 453 މީހުންގެ ކޯޓާގެ ދަށުން މި އަހަރު ރާއްޖޭން ހައްޖަށް ގެންގޮސްދެނީ ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ.

އެ 453 ޖާގައިގެ ތެރެއިން 100 ޖާގަ އެއް ވަނީ އާންމުންނަށް ހާއްސަކޮށްފައެވެ. އަދި އެ ކަމަށް އެދުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6 ގެ ކުރިން ފޯމު ހުށަހަޅަން ވެސް ހުޅުވާލާފައިވެއެވެ.

އެ ފުރުސަތުގައި ދެ ކެޓަގަރީއަކުން 897 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އެ ކެޓަގަރީތަކަކީ:

  • އެކަކުގެ ކެޓަގަރީ
  • ދެ މީހުންގެ ކެޓަގަރީ (މި ކެޓަގަރީގައި ހިމެނެނީ މަހްރަމުންނާއި، ބަލި މީހާ އާ އެކު އެހީތެރިއެއްގެ ގޮތުގައި ދާ މީހުންނެވެ)

އޭގެ ތެރެއިން އެކަކު އެކަނި ހައްޖަށް ދާ ކެޓަގަރީން 265 މީހަކު ފޯމް ހުށަހަޅާފައިވާއިރު، ދެ މީހުންގެ ކެޓަގަރީން 632 މީހުން ވަނީ ފޯމް ހުށަހަޅައިފައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިއަދު ހަވީރު ވަގުތުން ދެއްކި އެ ގުރު ނެގުމުގައި 100 މީހެއް ހޮވާފައިވާއިރު، އޭގެ ތެރެއިން އެކަކު އެކަނި ދާ ކެޓަގަރީން 38 މީހުން ހޮވާފައިވާއިރު، ދެ މީހުންގެ ކެޓަގަރީން 62 މީހެއް ވަނީ ހޮވައިފައެވެ. ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހައްޖަށް ނުދެވޭ ހާލަތެއްގައި ބަދަލުގައި ދާނެ 25 މީހުން ވެސް ހޮވާފައިވެއެވެ.

އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ދިއުމަށް އޮތް 100 ޖާގައިގައި ހައްޖަށް ދާ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ 76،960ރ އަށެވެ. އެ ޖާގައިގެ ދަށުން ހައްޖަށް ދިއުމަށް ގުރުއަތުން ހޮވޭ ފަރާތްތަކަށް އެކަން އަންގާ ތާރީހުން ފެށިގެން ތިން ދުވަހުގެ ތެރޭ އެ ފަރާތްތަކުން ފައިސާ ދައްކައި ނިންމަން ޖެހެއެވެ.

ހައްޖު ކޯޕަރޭޝަނުން އާންމުކުރި އުސޫލުގައިވާ ގޮތުން، މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އިސްކަން ދެވޭނީ އަލަށްވެސް ހައްޖަށް ނުދާ، ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، އަދި 65 އަހަރުން ދަށުގެ ފަރާތްތަކަށް އެކަންޏެވެ.

މީލާދީ ގޮތުން މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހުގެ ނުވަވަނަ ދުވަހެވެ.