ށ. ނޫމަރާގައި މީގެ ހަ އަހަރު ކުރިން ވަޅިން ހަމަލަދީ އަމިއްލަ ދަރިފުޅު މަރާލި މައްސަލައިގައި ކުށަ ސާބިތުވެފައިވާ އެކުއްޖާގެ މަންމަ އައިމިނަތު ޝާހިދާގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށްފިއެވެ.
މީގެ ހަ އަހަރު ކުރިން، 11 ފެބްރުއަރީގައި ޝާހިދާ، އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ފާތިމަތު ޝައިހާ ފަޔާޒު މަރާލާފައި ވަނީ ކަރުގެ ތިން ތަނަކަށާއި، ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް، އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލަދީގެން ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
ދަރިފުޅު މަރައިލި މައްސަލައިގައި ޝާހިދާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަނީ މައްސަލައިގެ ހެކި ގަރީނާއަށް ބަލައި ޝާހިދާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.
އެ މައްސަލައާ ގުޅިގެން ވާރިސުންގެ ބަސް ހޯދުމަށް މިމަހު 2ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ކުއްޖާގެ ހުރި ހަމައެކަނި ވާރިސް ބުނެފައި ވަނީ މަރަށް މަރު ހިފަން ބޭނުންނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުންނުވާ ކަމަށެވެ. އަދި ދެފަރާތުން އެ މައްސަލައިގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާއިރު އެ މައްސަލައިގެ ހުކުމް ކުރުން ވަނީ މިއަދަށް ތާވަލްކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އިތުރު ފަރާތެއްގެ ބަހެއް ހޯދުމަށް ހަމަޖެހިފައިވާތީ، މިއަދުގެ މި މައްސަލައިގެ އަޑުއެހުންވަނީ ކެންސަލް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިހާރު ތާވަލް ކޮށްފައިވަނީ މިމަހު 8 ވަނަ ދުވަހަށް ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެއެވެ.