އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރުވި މައްސަލަގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިމަހު 1 ވަނަ ދުވަހު ރޭ ދެ ގްރޫޕް ދެ މެދުގައި ހިނގި މަރާމާރީއެއްގައި ލިބުނު ޒަހަމްތަކުގެ ސަބަބުން އުމުރުން 21 އަހަރުގެ ޒުވާނަކު ވަނީ މަރުވެފައެވެ.

މި މައްސަލައާ ގުޅިގެން ހާދިސާގެ ތުހުމަތުގައި ރޭ ކޯޓު އަމުރެއްގެ ދަށުން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިކުއްޖާގެ އިތުރުން ރަށުގެ ތެރޭގެ އަމާކަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހަކު ވެސް ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި މަރުވި ޒުވާނާއަށް އައިސީޔޫގައި ފަރުވާ ދީފައި ވާއިރު ބޮޑަށް އަނިޔާ ލިބިފައި ހުރީ ބުރަކަށްޓާއި އަތުގެ މުލަށްދަނޑިއަށް ކަމަށް އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އަދި އެތަން ތަނަށް ވަރަށް ފުންކޮށް އަނިޔާ ލިބިފައިވާ ކަމަށް ވެސް އެހޮސްޕިޓަލުން ބުންޏެވެ.