އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ ހެޑް، ކުއީން އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޔުނައިޓަޑް ކިންގްޑޮމްގައި ބޭއްވި "ޕްލެޓިނަމް ޖުބިލީ ޕޭޖަންޓް" ގައި އެމްއެންޑީއެފުން ބައިވެރި ވެއްޖެއެވެ.

މި ހަރަކާތުގައި ބައިވެރިވެފައި ވަނީ އެމްއެންޑީއެފްގެ ހަތަރު ސިފައިންނެވެ.

ކުއީން އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ގޮތުން ޔޫކޭގައި ޖޫން މަހުގެ ދެވަނަ ދުވަހުން ފަސް ވަނަ ދުވަހަށް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން އެންމެ ފަހު ދުވަހު، ޔުނައިޓެޑް ކިންގްޑޮމް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ނިސްބަތްވާހެން ދިހަހާހަށް ވުރެން ގިނަ މީހުން ވަނީ ތިން ކިލޯމީޓަރު ރޫޓެއްގެ ޕޭޖަންޓުގައި ބައިވެރިވެފައެވެ.

އިނގިރޭސިވިލާތުގެ ރާނީގެ ޕްލެޓިނަމް ޖުބިލީ ޕޭޖަންޓްގައި އެމްއެމްޑީއެފްގެ ސިފައިން

ޖުމްލަ ހަތަރު އެކްޓަކަށް ބަހާލެވިގެން ކުރިއަށްދިޔަ މި ޕޭޖަންޓުގައި އެކުލެވުނު ފުރަތަމަ އެކްޓަކީ، ކޮމަންވެލްތަށް ނިސްބަތްވާ އެންމެހާ ގައުމުތަކުގެ އަސްކަރިއްޔާތަކުން ބައިވެރިވި އެކްޓެކެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި، މި ޕޭޖަންޓުގައި ބައިވެރިވުމަށް ދައުވަތު ލިބުމާއެކު، އެމްއެންޑީއެފުން މޭޖާ މުހައްމަދު ނަޒީމާއި، ސާޖަންޓް މޭޖާ ސަމްހާ ޔޫސުފާއި، ސްޓާފް ސާޖަންޓް އިބްރާހީމް ފައިސަލް، އަދި ސާޖަންްޓް އިބްރާހީމް ޝަފީގު ވަނީ ޕޭޖަންޓުގައި ބައިވެރިވުމަށް ޔޫކޭއަށް ދަތު ރުކޮށްފައެވެ. މި ޕޭޖަންޓުގައި ބައިވެރިވި ގައުމުތަކުގެ އަސްކަރިއްޔާތަކުން މާޗު ކޮށްފައި ވަނީ އެމީހުންގެ ޔުނިފޯމުގައި، އެ ގައުމެއް ރަމްޒުކޮށްދޭ ދިދަ ހިފައިގެންނެވެ.

ކުއީން އެލިޒަބަތު ސެކަންޑް އިނގިރޭސި ވިލާތުގެ ރަނިކަމާ ހަވާލުވެލެއްވީ 1952 ވަނަ އަހަރުގެ ފެބުރުވަރީ މަހު، އުމުރުން 25 އަހަރުފުޅުގައެވެ.