ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހިންގެ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކުރުމުގައި އެންމެހައި ދިވެހިން ބައިވެރިވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، މިބިމުގެ ވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ، މިބިންމަތީގައި އިންސާނީ ދިރުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން، ދިވެހީންގެ އަމަލުތަކުން ކަނޑުތައް ތަޣައްޔަރު ނުކުރުމާއި، ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤގީއަށް އިސްކަން ދިނުމާއި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމާއި، ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާހައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ. ތިމާވެށި ހިމާޔަތް ކުރުމާއި އެކަމަށް އާންމު ރައްޔިތުން ހޭލުންތެރި ކުރުމުގެ ވާހަކައަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މިހާރު ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އަދި ތިމާވެށީގެ ނުރައްކާތަކާ ސީދާ ގޮތުން ކުރިމަތިލާން ނުޖެހޭ އެންމެ ގައުމެއް ވެސް މިހާރު މި ބިންމަތީގައި ނެތުމުގެ ސަބަބުން ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަކީ، އަދި އެކަމަށްޓަކައި މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ ފަރުދެއްގެ ވާޖިބަކަށް އަދި ކޮންމެ ގައުމެއްގެ މަސްއޫލިއްޔަތަކަށް މިހާރު ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ދުނިޔޭގެ ހޫނުމިން މަތިވަމުން ދަނީ، މި ބިމުގެ ގުދުރަތީ ނިޒާމާއި މި ބިންމަތީގައި ދިރިއުޅޭ އިންސާނުން ވެސް އެކަމަށް ހޭނުމަށް ނުކުޅަދާނަހާ ހަލުވިމިނެއްގައި ކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާ ގުޅިގެން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ހައްލުތަކާއި އެ ހައްލުތައް ހޯދާނެ ޓެކްނޮލޮޖީ މިހާރު ފަހިވެފައިވާ ކަމުގައި ވިދާޅުވަމުން ރައީސް ސޯލިހް ވަނީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ އާދަތައް ބަދަލުކޮށްލުމަށްޓަކައި ބޭނުންވަނީ، ދުނިޔޭގެ ފެންވަރުގައި އަދި ޖަމާއީ ގޮތެއްގައި ފިޔަވަޅުތަކެއް އެޅުންކަމުގައި ފާހަގަކުރައްވާފައެވެ. އަދި މިކަން ހައްލު ކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ގައުމެއް ނުވަތަ ބޮޑު ގައުމެއް ތަފާތު ކުރެވެން ނެތް ކަމަށާއި، މި ބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރެވެން ނެތް ކަމުގައި ރައީސް ސޯލިހް ވަނީ ހާމަކުރައްވާފައެވެ.

ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް، އާންމުން ހޭލުންތެރި ކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެކަމަށް އޮތް އެންމެ މުހިންމު ހައްލަކީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލް ކުރުމާއި، ކުނީގެ ބާވަތްތައް ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ހިމާޔަތްކުރާ ސަރަހައްދުތައް އިތުރުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.