ކ. ގިރިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއުގެ ދަށުން، އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމާއި، 268 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 46 މީޓަރުގެ ސަރަޙައްދެއްގެ ނެރު ބޭރު ތޮށިލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އެމްއެންޑީއެފްގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ އަގަކީ 3.18 މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްއެންޑީއެފުން ގިރިފުށި ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ގިރިފުށީ ބަނދަރުގެ އެއްގަމު ތޮށި ފުރަތަމަ ޝީޓްޕައިލް ކުރެވިފައިވަނީ 1998 ވަނަ އަހަރުގައެވެ. އަދި ކޮންކްރީޓް ބީމްގެ މަސައްކަތް ކުރެވިފައިވަނީ 2002 ވަނަ އަހަރުގައެވެ.

އެމްޓީސީސީން ބުނީ ވޭތުވެދިޔަ 3 އަހަރުތެރޭ އެކުންފުނިން ބަނދަރު ހެދުމާއި، ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމާފައިވާ ކަމަށެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ.

ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ