ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާ ސިޓީ ހިއްޕަވައިގެން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސައުދީގެ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރުހާންގެ ދައުވަތަކަށް ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ޝާހިދުގެ އެ ދަތުރުފުޅުގައި، ސައުދީގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށް ފޮނުއްވާ ސިޓީއެއް އަރުއްވާނެއެވެ.

އޭގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސައުދީ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް، ފޮރިން މިނިސްޓްރީން ބުންޏެވެ.

ޝާހިދުގެ އަރިހުގައި ސައުދީއަށް ވަޑައިގެންފައި ވަނީ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާއި، މިނިސްޓްރީގެ ޑެސްކް އޮފިސަރު އަލީ ޒާހިރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ހިންގަނީ ސައުދީ ސަރުކާރުގެ އެހީތެރިކަމާ އެކުގައެވެ. މާލޭގައި އަޅާފައިވާ ކިންގް ސަލްމާން މިސްކިތަކީ ވެސް ސައުދީ ސަރުކާރުގެ އެހީގައި އަޅާފައިވާ މިސްކިތެކެވެ.