"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ތިލަމާލެ ބްރިޖްގެ މަޝްރޫއު އަވަސް ކުރުމަށް އެއްވެސް ފައިސާއެއް އަދި ދޫކޮށްފައި ނުވާ ކަމަށް، ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނީ ރާއްޖޭގެ އޮންލައިން ނޫހެއްގައި، އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސް ކުރުމަށް ކަމަށް ބުނެ، އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ ބޭރުން 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ދީފައިވާ ކަމަށް ބުނެފައި އޮތުމުން "ދަ ޕްރެސް" އިން ސުވާލު ކުރުމުންނެވެ.
މިއަދު ޝާއިއުކުރި އެ ހަބަރުގައިވާ ގޮތުން، ތިލަމާލެ ބްރިިޖުގެ މަސައްކަތް ޖުލައި މަހަށް ނިންމާލެވޭނެ ކަމަށް އެފްކޮންސް އިން އިއުލާން ކުރީ އެ ފައިސާ ލިބިފައި ވާތީއެވެ. އަދި އެ ފައިސާގެ ބާކީ ބައި ދައްކަން ޖެހެނީ ވިލިމާލެއަށް ބްރިޖު ގުޅާލުމުން ކަމަށް ވެސް އެ ހަބަރުގައި ވެއެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ވިދާޅުވީ، އެ މިނިސްޓްރީން އެފްކޮންސް ކުންފުންޏަށް އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް ފައިސާ ދޫކުރުމާ މެދު މަޝްވަރާ ކުރެވެމުން ކަމަށާއި، އެކަމާ އަދި އެއްބަސްވެވިފައި ނުވާ އިރު ދޭނެ އަދަދަކާ މެދު ވެސް ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.
6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހަދާނެއެވެ.
މި ބްރިޖް މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 469 މިލިއަން ރުފިޔާ ހިމަނާފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.
ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެޖެވެ. ބްރިޖްގެ އުމުރު 120 އަހަރުވާން ދެން ހިފަހައްޓާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އިގްތިސޯދީ ގޮތުން ރާއްޖޭގެ މާލީ ތަނަވަސްކަން ކުޑަވަމުން ދާ މި ދަނޑިވަޅުގައި ތިލަމާލެ ބްރިޖު އަޅާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުގެ އިތުރުން، ބްރިޖް އަވަހަށް ނިންމައިދޭން އެފްކޮންސް އަށް އިތުރު 26 މިލިއަން ޑޮލަރު ދޭން އުޅޭ ވާހަކަ އާ ގުޅިގެން ކަންބޮޑުވުން ވަނީ އިތުރު ވެފައެވެ. މި މައްސަލައިގައި ސަރުކާރުން ވާހަކަ ދައްކާފައި ނުވާއިރު، ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅިގެން ސެންޓްރަލް ބޭންކުންނާއި އެހެނިގެން އޮފިޝަލުން ދަނީ އިގްތިސޯދު ކުރަން ބާރު އަޅާ އިންޒާރުވެސް ދެމުންނެވެ.