ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގަރާރު ހުށަހަޅާފައިވަނީ އިދިކޮޅު ޕީއެންސީގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ.

ސައީދު ހުށަހެޅުއްވި ގަރާރުގައި ބުނީ، ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެފައި އަދި ފަތުރުވެރިކަން ރަނގަޅުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އުވާލާފައިވާ ކަމަށެވެ.

ސަސްޕެންޑް ކުރި މާއްދާތައް އުވާލުމަށް އެގަރާރުގައި ގޮވާލާފައިވަނީ ދުނިޔޭގައިވެސް ޕެންޑަމިކްގެ ހާލަތު ނެތް ކަން ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައިވާތީ، މިއަހަރު ރާއްޖޭގެ ޖީޑީޕީ 13 ޕަސަންޓް އަދި އަންނަ އަހަރު 9.7 ޕަސަންޓް ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާތީއެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ހިފަހައްޓާފައިވާތީ ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަންކަން މޮނިޓާ ކުރުމުގެ ފުރުސަތު ތިންވަނަ ފަރާތަކަށް ނުލިބޭ ކަމަށް ވެސް އެގަރާރުގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވެ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ލޯނު ނަގަން ފުރުސަތު ލިބި އިގްތިސާދަށް އޭގެ ނުރައްކާ ކޮށްފާނެ ކަމަށްވެސް ގާރާރުގައި ބުނެފައިވެއެވެ.

އެގަރާރުގައި އިތުރަށް ބުނީ، އެކަމުގެ ސަބަބުން ދިވެހި ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބިދާނެކަމުގެ ބިރު އޮތް ކަމަށެވެ.

ސައީދު ވަނީ މި ގާނޫނުގެ މާއްދާތައް ހިފަހައްޓާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.