އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ ވަރަށް ދަށްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެެ.
މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާއެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެކަމާ ގުޅިގެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ވަޓްސްއެފް ގްރޫޕަށް ރައީސް ނަޝީދު ރޭ ފޮނުއްވި މެސެޖުތަކެއްގައި ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މުހިއްމުކަމުގެ ވާހަކަ 2019 އާއި 2020 ގައި ދެއްކެވީ އެކަން ނުކޮށްފިނަމަ ފަހުން ތަކުލީފާ ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާތީ ކަމަަށެވެ.
މިއަހަރާއި އަންނަ އަހަރު ދަރަނި އަދާކުރަން އުނދަގޫވާނެކަން މީގެކުރިން ވެސް ފާހަގަކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިގޮތުން ކުރިއަށް އޮތް މަސްތަކުގައި ދަރަނި ދައްކަން ހުރި މިންވަރާއި ފައިސާ ހޯދާ ގޮތް ސާފު ނުވާ ކަމަށާއި މިކަން މާލިއްޔަތު ކޮމިޓީން ސާފުކުރުން ވަރަށް މުހިއްމު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ އަންނަ މަހު ދައުލަތުގެ ރިޒާވް ނުރައްކާވާ މިންވަރަކަށް ދަށްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ދަރަނި ވަނީ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ. މި ދިޔަ މުއްދަތުގެ ތެރޭގައި ދައުލަތުން 4.8 ބިލިއަން ރުފިޔާގެ އިތުރު ލޯނު ނަގައިފާ ވާއިރު ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ.
ފިނޭންސް މިނިސްޓްރީއިން ބުނީ މިވަގުތު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 87 ބިލިއަން ރުފިޔާގައި ކަމަށާއި އެ އަދަދަކީ މިދިޔަ އަހަރު ނިމުނު އިރު ހުރި އުފެއްދުންތެރިކަމުގެ 10 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށެވެ.
ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ.
މީގެ އިތުރުން އެންމެ ކައިރި މުސްތަގްބަލެއްގައި ދައުލަތުން ދަރަނި އަދާކުރަން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށްވާއިރު އެ އަހަރު ދައުލަތުން ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭނެއެވެ.