މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާއެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ދަރަނި ވަނީ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ. މި ދިޔަ މުއްދަތުގެ ތެރޭގައި ދައުލަތުން 4.8 ބިލިއަން ރުފިޔާގެ އިތުރު ލޯނު ނަގައިފާ ވާއިރު ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މިވަގުތު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 87 ބިލިއަން ރުފިޔާގައި ކަމަށާއި އެ އަދަދަކީ މިދިޔަ އަހަރު ނިމުނު އިރު ހުރި އުފެއްދުންތެރިކަމުގެ 10 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށެވެ.

ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. މީގެ އިތުރުން އެންމެ ކައިރި މުސްތަގްބަލެއްގައި ދައުލަތުން ދަރަނި އަދާކުރަން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށްވާއިރު އެ އަހަރު ދައުލަތުން ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭނެއެވެ.