ފުލުހުންނަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައެއް ނުބަލާ ކަމަށް ބުނެ، އަންހެނަކު އޭނާގެ ދަރިފުޅު ގޮވައިގެން މިރޭ މަގުމައްޗަށް ނުކުމެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކޮންމެ ރެއަކު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އިހްތިޖާޖު މިރޭ އިންޑިއާ ސަފީރު ދިރިއުޅުއްވާ ގެ ކައިރީގައި ކުރިއަށް ދިޔަ ވަގުތު، އަންހެނަކު ވަނީ އޭނާގެ ދަރިފުޅު ގޮވައިގެން އެ ސަރަހައްދަށް ގޮސް މަގުމަތީގައި އިށީނދެފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ފޮޓޯއިން ފެންނަ ގޮތުގައި، "އިންޑިއާ އައުޓް" އިހުތިޖާޖު ހިނގަމުން ދިޔަ ވަގުތު، އެތަނުގައި ތިބި ފުލުހުންގެ ސަފުގެ ކުރިމަތީގައި އިށީނދެ އިނދެ، އޭނާ ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަ ތަހުގީގު ނުކުރާ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އޭނާގެ ގާތުގައި އަންހެން ފުލުހެއް ހަރަކާތްތެރިވަމުން ދިޔަތަން ފެނެއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ޖެންޑާ މިނިސްޓްރީން ބުނީ، ހުޅުމާލޭގައި ހިނގައިގެން އުޅޭ ކަންތައްތައް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.