ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ނިމި، މިއަދު ހަމަޖެހިފައި އޮތީ ޝަރީީއަތުގެ މަރުހަލާ ފެށުމަށެވެ. އެގޮތުން ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ވަނީ މިއަދު މެންދުރުފަހު 1 ޖަހާއިރަށް ތާވަލުކޮށްފައެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ، އެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީ، އެ މައްސަލައިގެ އަޑުއެހުން މިއަދު ކެންސަލް ވެއްޖެ ކަމަށެވެ.

ޔާމީންގެ ޝަރީއަތް މިއަދު ކެންސަލްކޮށްފައިވާއިރު، މިއަދުން ފެށިގެން އެމަނިކުފާނުގެ އަޑުއެހުންތައް، ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށް، އެ ކޯޓުން އިއްޔެ ބުނެފައިވެއެވެ.

އެ ކޯޓުން އިއްޔެ އެހެން ބުނެފައިވަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް، އެމަނިކުފާނުގެ ވަކީލުން އެތައް ފަހަރެއްގެ މަތިން އެދިވަޑައިގެންފައި ވަނިކޮށެވެ. ގާޒީ ޝަކީލް އޭރު ވިދާޅުވި ގޮތުގައި ޝަރީއަތް ލައިވް ނުކުރެވި އޮތީ ކޯޓުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ނެތުމުންނެވެ. ނަމަވެސް އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާ ފެށޭއިރު ލައިވް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭރު ވިދާޅުވިއެވެ.