ގަދަ ބާރުން ރަޝިއާއަށް ގެންގޮސް، މާ ސިންގާ އެ ގައުމުގެ އެކި ހިސާބުތަކަށް ގިނަ ކޮށްލާފައިވާ ޔޫކްރައިންގެ ރައްޔިތުންގެ ތެރޭގައި 2 ލައްކައެއްހާ ކުޑަކުދިންވެސް ހިމެނޭ ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ކޮންމެ ރެއަކުވެސް ދެއްވާ ހާއްސަ ހިތޯބުގައި ޒެލެންސްކީ ވިދާޅުވީ، ގަދަ ބާރުން ރަޝިއާއިން ގެންގޮސްފައި ވާ ކުޑަކުދިންގެ ތެރޭގައި ޔަތީމުހާނާތަކުން ގެންދިޔަ ކުދިންނާއި، މައިންބަފައިންނާއެކު ގެންގޮސްފައި ވާ ކުދިންގެ އިތުރުން އާއިލާތަކާ ވަކިކޮށްލައިގެން ގެންގޮސްފައި ވާ ކުދިންވެސް ހިމެނޭ ކަމަށެވެ.

ރަޝިއާއިން ހިންގާ އެ ޖަރީމާ ސިޔާސަތުގެ މަގުސަދަކީ ހަމައެކަނި މީހުން ވަގަށް ނެގުން ނޫން ކަމަށާ، ނަމަވެސް ޔޫކްރައިންގެ މަތިން ހަނދާން ނައްތުވާލާ، ދުވަހަކުވެސް އަނބުރާ ޔޫކްރައިންއަށް ނުދެވޭ ގޮތް ހެދުންވެސް ހިމެނޭ ކަމަށް ޒެލެންސްކީ ވަނީ ތުހުމަތު ކުރައްވާފައެވެ.

ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް އަދަބު ދެއްވާނެ ކަމަށާ، ނަމަވެސް އެންމެ ފުރަތަމަ، ޔޫކްރައިންއަކީ ރަޝިއާއަށް ހިފޭނެ ބިމެއް ނޫން ކަމާއި، ޔޫކްރައިންގެ ރައްޔިތުންނަކީ ރަޝިއާއަށް އަމާންދީ އެ ގައުމާ އަމިއްލައަށް ހަވާލުވާނެ ބައެއް ނޫން ކަމާއި، ޔޫކްރައިންގެ ކުޑަކުދިންނަކީ ރަޝިއާގެ މުދަލެއް ކަމުގައި ނުހެދޭނެ ކަން ހަނގުރާމައިގެ މައިދާނުގައި ސާބިތު ކޮށްދެއްވާނެ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމާގައި މިހާތަނަށް 243 ކުދިން މަރާލާފައި ވާ ކަމަށާ، 446 ކުއްޖަކު ޒަހަމްވެފައި ވާ އިރު 139 ކުއްޖަކަށް ވީ ނުވީއެއް ނޭނގި ގެއްލިފައި ވާ ކަމަށްވެސް ޔޫކްރައިންގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރަޝިއާގެ އަސްކަރީ ފައުޖުތައް ވަރުގަދަ ކޮށްފައި ވާ ސަރަހައްދުތަކުން އެންމެ ސައްހަ މައުލޫމާތު ހޯދަން ދަތިކަން ފާހަގަ ކުރައްވަމުން ޒެލެންސްކީ ވަނީ، ހަގީގީ އަދަދުތައް މިއަށްވުރެވެސް އިތުރުވުން އެކަށީގެން ވާ ކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ ރައީސް، ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަށް، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށީ ފެބުރިއަރީ 24 ވަނަ ދުވަހުއެވެ. ހަނގުރާމަ 4 ވަނަ މަހަކަށް ދިގުލާ ގޮސްފައި ވާ އިރު، ސުލްހައިގެ މަޝްވަރާތަކެއްގެ ތެރެއިން ހަނގުރާމަ ހުއްޓި ދާނެ ކަމުގެ ސިގުނަލެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.