ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް "ކައިންޑްލީ ބައި ބީއެމްއެލް" އިފްތިތާހު ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މި އާ ޕްލެޓްފޯމަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.

"ކައިންޑްލީ ބައި ބީއެމްއެލް' އަކީ ޖަމިއްޔާތަކުން ފަންޑްރެއިޒް ކެމްޕޭން ގާއިމްކޮށް ޖަމިއްޔާގެ ފަރާތުން މުޖުތަމައަށް ފައިދާކުރަނިވި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް، ފަސޭހައިން ބޭނުންކުރެވޭ ރައްކާތެރި ޕްލެޓްފޯމެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މި ޕްލެޓްފޯމަކީ ފަންޑްރެއިޒްކުރާ ފަރާތުގެ ގޮތުގައި ޖަމިއްޔާތަކަށް ގިނަ ކެމްޕޭންތަކެއް ހިންގަާ، ފަސޭހައިން ރިޕޯޓުތައް ނެގޭގޮތަށް، އެހީގެ އަދަދު ވަގުތުން ބަލާލައި އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކެމްޕެއިން ޕްރޮމޯޓްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް ބީއެމްއެލް އިން ފާހަގަކުރެއެވެ.

ބީއެމްއެލްއިން ބުނީ ރާއްޖޭގައި ރަޖިސްޓްރީކޮށް އަދި މަދުވެގެން ދެއަހަރު ދުވަހު ހިންގާފައިވާ ޖަމިއްޔާތަކަށް "ކައިންޑްލީ ބައި ބީއެމްއެލް' ގައި ރަޖިސްޓާ ކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ޖަމިއްޔާތަކުން ހިންގާ ކެމްޕޭނުތަކަށް އާންމުންނަށް ރައްކާތެރިކަމާއެކު ފައިސާ ހަދިޔާ ކުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ތައާރަފްކުރެވޭ އޮންލައިން ފަންޑްރެއިޒިން ޕްލެޓްފޯމް ގާއިމްކޮށް އިފްތިތާހު ކުރެވޭކަމީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

މުޅި ދުނިޔޭގައިވެސް ކްރައުޑްފަންޑިން އަކީ މަގުބޫލުކަމެއް. ކައިންޑްލީގެ ހިޔާލުއައީ ފަންޑްރެއިޒްކުރާ ފަރާތްތަކާއި އަދި އެހީ ބޭނުންވާ ފަރާތްތަކަށް މުހިންމު އަދި އެންމެ ފަހުގެ ކެމްޕެއިންތަކަށް، ހެޔޮ އެދޭ ފަރާތްތަކުން ރައްކާތެރިކަމާއެކު އެހީދިނުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ޓިމް ސޯޔާ

ޓިމް އިތުރަށް ވިދާޅުވީ އޮންލައިން ފަންޑްރެއިޒިން ޕްލެޓްފޯމްއިން އެންމެނަށްވެސް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށެވެ. އަދި ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް މި މުހިންމު ޕްލެޓްފޯމުގެ ޒަރިއްޔާއިން މަގުފަހިވާނެކަމަށް އުންމީދުކުރައްވާ ކަމަށް ޓިމް ވިދާޅުވިއެވެ.