ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް މާދަމައިން ފެށިގެން ލައިވް ކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވްކޮށްދިނުމަށް، އެމަނިކުފާނުގެ ވަކީލުން އެތައް ފަހަރެއްގެ މަތިން އެދިވަޑައިގެންފައިވެއެވެ. މައްސަލަ ބައްލަވާ އިސްގާޒީ އަހްމަދު ޝަކީލް އޭރު ވިދާޅުވި ގޮތުގައި ޝަރީއަތް ލައިވް ނުކުރެވި އޮތީ ކޯޓުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ނެތުމުންނެވެ. ނަމަވެސް އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާ ފެށޭއިރު ލައިވް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭރު ވިދާޅުވިއެވެ.
މީޑިއާތަކަށް ދިން މައުލޫމާތުގައި ކްރިމިނަލް ކޯޓުން ބުނީ، ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް މާދަމައިން ފެށިގެން އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވް ކުރަމުން ދާނެ ކަމަށެވެ.
އާރަށުގެ މައްސަލައިގައި ދައުލަތުން ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ.
އެ މައްސަލައިގެ އިބްތިދާއީ މަރުހަލާ ވަނީ މިހާރު ނިމިފައެވެ. އެހެންކަމުން ދެން އޮންނާނީ ޝަރީއަތުގެ މަރުހަލާއެވެ.
ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުން އޮންނާނީ މާދަމާ މެންދުރުފަހު 1 ޖަހާއިރެވެ.