ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގާ ގާނޫނަކަށް ރާއްޖެ ރައްޔިތުން ތައްޔާރު ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށް މާވަށު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކުނި މެނޭޖު ކުރުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ މާލޭގައި އެއް އެޕާޓްމަންޓެއްގައި ގިނަ އާއިލާތަކެއް އެއްކޮށް ދިރިއުޅެމުން އަންނަ އިރު ކޮންމެ އާއިލާއަކުން ތިން ކޮތަޅު ނެރެ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ދައްކަން ޖެހޭ ނަމަ އާއިލާތަކަށް ދަތިވާނެ ކަމަށެވެ.
އެ ބިލުގައިވާ ގޮތުން ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަސް ތެރޭގައި ވިޔަފާރި ހަރަކާތުން ޕޮއިންޓް އޮފް ސޭލްގައި ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ޖެހޭނެއެވެ. އަދި ވެމްކޯއިން ވަނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ ގެތަކުން ތިން ބާވަތެއްގެ ކުނި ވަކި ކުރަން ވަނީ އަންގާފައެވެ.
ސައީދު ވިދާޅުވީ ގޭގޭގައި ތިން ކޮތަޅަށް ކުނި އަޅަން ޖެހޭއިރު އެއް ގެއަކު ހަތަރު ފަސް އާއިލާ އުޅެމުންދާ ކަމަށެވެ. އަދި އާމްދަނީ ހޯދަން ކޮތަޅު ޓެކްސް ނަގައިގެން 48 މިލިއަން ރުފިޔާ ހޯދަން ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި އެއީ މޮޅު ކަމެއްގެ ގޮތުގައި މަޖިލީހުގައި ފާހަގަ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޑެންމާކާއި ނޯވޭ ފަދަ ގައުމުތަކުން އަމަލު ކުރަމުން އަންނަ މިފަދަ ގާނޫނެއް ތަރުޖަމާ ކޮށްލައިގެން ރާއްޖޭގައި ތަންފިޒެއް ނުކުރެވޭނެ ކަމަށާއި މާލެ އާއި އަތޮޅުތައް މިކަމަކަށް އަދި ތައްޔާރެއް ނުވާ ކަމަށެވެ.
ރާއްޖޭގައި ގޭބިސީތަކުން އުފައްދާ ކުންޏަށް ވުރެ މައްސަލަ ބޮޑީ އިންޑަސްޓްރިއަލް ވޭސްޓް ކަމަށާއި ރިސޯޓުތަކުން އުފައްދާ ކުނި ތިލަފުއްޓާ ހަމަޔަށް ގެންނަން ދޯންޏަކަށް ލައްކައެއްހާ ރުފިޔާ ދޭން ޖެހޭ ކަމަށާއި ގިނަ ފަހަރަށް އެ ފަރާތްތަކުން ކުނި އުކާލާނީ ޓޫރިޒަމްގެ މުހިންމު ސަރަހައްދުތަކަށް ކަމަށެވެ.