ގެއިން ނިކުމެގެން ފިހާރައަކަށް ދިޔަ ފަހުން ވީ ނުވީއެއް ނޭނގި، ސްރީލަންކާގައި ގެއްލިގެން ހޯދަމުން ދަނިކޮށް، އުމުރުމުން އެންމެ 9 އަހަރުގެ ފާތިމާ އާއިޝާގެ ހަށިގަނޑު ފެނުނު މައްސަލާގައި، 29 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

އާއިޝާގެ މަރާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވަނީވެސް އާއިޝާ ދިރިއުޅެމުން ދިޔަ އަތަލުގަމާ ސަރަހައްދުން ކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި 29 އަހަރުގެ ފިރިހެން މީހާ ވަނީ، އާއިޝާ މަރާލި ކަމަށް އިއުތިރާފުވެއެވެ.

އާއިޝާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައި ވާ އިރު، އޭނާ ރޭޕް ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.

އާއިޝާ ގެއްލުނު ކަމަށް އޭނާގެ މައިންބަފައިން ރިޕޯޓް ކުރީ، މިދިޔަ ހުކުރު ދުވަހު، ކުކުޅު ގަތުމަށްޓަކާ ފިހާރައަކަށް ދިއުމަށްފަހު އަނބުރާ ނައި ހިސާބުންނެވެ. އެ ފިހާރައަކީ އޭނާ ދިރިއުޅެމުން ދިޔަ ގެއާއި 200 މީޓަރު ދުރުގައި ހުންނަ ފިހާރައެއް ކަމަށް މައުލޫމާތު ލިބެއެވެ.

ގެއްލިގެން ހޯދަމުންދާތާ 1 ދުވަސްފަހުން މެއި 28 ވަނަ ދުވަހު، އާއިޝާގެ ހަށިގަނޑު ފެނުނީ، އޭނާގެ ގެއާއި މާ ދުރު ނޫން ހިސާބެއްގައި އޮންނަ ހަނޑުދަނޑެއްގެ ތެރެއިންނެވެ.

މުޅި ލަންކާ ސިއްސުވާލި މަރުގެ ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނީ، އާއިޝާ މަރާލާފައި ވަނީ އޭނާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ނޫން ކަމަށް، ބެލެވޭ ކަމަށެވެ. އަދި ހަށިގަނޑު ފެނުނު ސަރަހައްދަށް ގެނެސްފައި ވަނީ މަރާލުމަށް ފަހުގައި ކަމަށް، ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލަ ބަލަމުންދާ ފުލުހުންގެ ޓީމުން މީގެ ކުރިން ވަނީ، އާއިޝާ ދިރިއުޅެމުންދާ ގެއާއި ގާތްގަނޑަކަށް 150 މީޓަރު ދުރު ހިސާބެއްގައި އާއިޝާއަށް "ކަމެއް ދިމާވި ކަމަށް" ހާމަ ކޮށްފައެވެ. 29 އަހަރުގެ މީހާ ހައްޔަރު ކުރި އިތުރު ތަހުގީގުތަކުގެ ތެރެއިން ކަމަށް ހަބަރު ލިބެއެވެ.