ރަސްމީ ބަހުން ނަމަ ރިޕަބްލިކް އޮފް ޗައިނާ ނުވަތަ ޓައިވާންގެ ވައިގެ ދިފާއީ ސަރަހައްދަށް، ޗައިނާއިން އަސްކަރީ 30 މަތިންދާ ބޯޓު ފޮނުވުމުން، އެ ބޯޓުތައް "ފައްސާލުމަށް" އެ ގައުމުންވެސް އަސްކަރީ މަތިންދާ ބޯޓުތައް ރުކުރުވާލާފައި ވާނެ ކަމަށް ޓައިވާނުން ހާމަކޮށްފިއެވެ.

މިކަމެއް ހިނގާފައި ވަނީ ހޯމަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިއީ ޖެނުއަރީ ފަހުން ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ ކަމަށް ހަބަރު ލިބެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، ޓައިވާން ހިފުމާ ދެކޮޅަށް ޗައިނާއަށް އިންޒާރު ކުރައްވާފައެވެ. ހަމަ އެދުވަހު، އެމެރިކާގެ އޮފިޝަލަކު ވަނީ، ޓައިވާންގެ ލީޑަރުންނާއެކު ސަލާމަތާ ބެހޭ ކަންތައްތަކެއް މަޝްވަރާ ކުރެއްވުމަށް ޓައިވާނަށް ޒިޔާރަތްވެސް ކުރައްވާފައެވެ.

މި ފަހަކަށް އައިސް ޗައިނާގެ ވައިގެ އަސްކަރިއްޔާއިން ހިންގާ އެފަދަ ހަރަކާތްތައް ވަނީ އިތުރު ވެފައެވެ. ޗައިނާއިން އެފަދަ ހަރަކާތްތައް ހިންގަމުން ދަނީ އަސްކަރީ ތަމްރީނުތަކުގެ ނަމުގައެވެ. ނަމަވެސް އެއީ ޓައިވާނުން އިންތިހާއަށް ނަފުރަތު ކުރާ ކަމަކަށް ވާ އިރު، ސަރަހައްދީ މަސްރަހު ވަނީ އިންތިހާއަށް ނުތަނަވަސް ވެފައެވެ.

އެންމެ ފަހުގެ ހާދިސާއަށް ބަލާއިރު، ޗައިނާގެ އަސްކަރީ މަތިންދާ ބޯޓުތައް ވަދެފައި ވަނީ ޓައިވާން ވައިގެ ދިފާއީ ސަރަހައްދަށް ކަމަށް ޓައިވާންގެ ދިފާއީ ވުޒާރާއިން ބުނެއެވެ. ނަމަވެސް ޓައިވާންގެ އިން ވަކިކުރާ ވައިގެ ސަރަހައްދީ ރޮނގު ހުރަސް ކޮށްފައި ނެތުމުން، އެއީ ދެކޮޅުވެރި ކަމުގެ އަމަލެއްގެ ގޮތުގައި ބެލުމުގެ ޖާގައެއް ރަސްމީ ލިޔެކިއުމުން ދެއްކޭކަށް ނެތެވެ.

ގައުމެއްގެ ވައިގެ ދިފާއީ ސަރަހައްދަކީ އެ ގައުމެއްގެ ސަރަހައްދާއި ގައުމީ ވައިގެ ސަރަހައްދުން ބޭރުގައި އޮންނަ ސަރަހައްދެކެވެ. ގައުމީ ސަލާމަތުގެ މަސްލަހައްޓަކާ އެ ސަރަހައްދުގެ ހަރަކާތްތަކަކީ އެ ގައުމަކުން މޮނިޓާ ކުރަމުން ދާ ހަރަކާތްތަކެކެވެ. އެއީ އަމިއްލައަށް ކަނޑައަޅާ ސަރަހައްދަކަށް ވުމުން، އެއީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގެ ގޮތުގައި ބަލާ ސަރަހައްދެއްވެސްމެއެވެ.