ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ގެ މަގާމަށް ޔޫޝައު ސައީދު އައްޔަންކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ޔޫޝައު މި މަގާމަށް ފުރުތަމަ އައްޔަންކޮށްފައިވަނީ ޖުލައި 2021 ގައި ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާ އަށް ފަހުގައި ކަމަށެވެ. ޔޫޝައު މިހާރު އަދާކުރައްވަމުންދަނީ ސިމްޑީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖާގެ މަގާމު ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ޔޫޝައު މީގެ ކުރިން ގިނަގުނަ ލީޑާޝިޕް ރޯލުތަކުގައި މަސައްކަތްކުރައްވާ ފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިގޮތުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަން ކަމާއި، އެނާރޖީ އެންޑް ވޯޓާގެ ދަށުން ހިންގި އެންސީއެސްއޭ ޕްރޮޖެކްޓްގެ ނޭޝަނަލް ޕްރޮޖެކްޓް މެނޭޖަރުގެ މަގާމު އަދި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ ކޯޕަރޭޓް އެފެއާޒް އަދި ފައިނޭންސް މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ބުނީ، ޔޫޝައު 10 އަހަރުގެ މުއްދަތެއްގައި ދިވެހި ރާއްޖޭގެ އޮޑިޓް އޮފީހުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވާފައިވާ ކަމަށެވެ. ބީއެމްއެލްގެ ޗެއާޕާސަން ގެ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ޔޫޝައު ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން 2 އަހަރު ވަންދެން މަސައްކަތް ކުރައްވާފައެވެ.

ބޭންކުން ރޭ އަހަރީ އާންމު ޖަލްސާ ބާއްވާފައިވާއިރު އަހަރީ އާންމު ޖަލްސާގައި ހުރިހާ މެންބަރުން ވެސް އަލުން ޑިރެކްޓަރުންގެ ބޯޑަށް ވަނީ އައްޔަންކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  • ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް، ކ. މާލެ
  • މރ. ޓިމޮތީ ސޯޔާ (ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓާ)
  • އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ، ކ. މާލެ
  • ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، ކ. މާލެ
  • އަބްދުﷲ ހަސަން ނަސީމާ މަންޒިލް، ރ. އަލިފުށި
  • އަބްދުﷲ ހުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
  • މުހައްމަދު ޝަރާހް، ކޮތަންގެ، ގދ. ފިއޯރީ
  • އާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

މީގެ އިތުރުން ބީއެމްއެލް އިން ވަނީ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައެވެ. މިގޮތުން އިންތިހާބުވި 3 ޑިރެކްޓަރުންނަކީ، އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ އާއި އަހްމަދު މުހައްމަދު، ގ. އުފާ، ކ. މާލެ އަދި އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫއެވެ.