ބޭންކް އޮފް މޯލްޑިވްސް ގެ ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ދެވަނަ ފިޔަވާހީގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްއިން ބުނީ، ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ރޭ 11:59 އަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. ބީއެމްއެލް އިން ބުނީ ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ، އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރު ވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.