ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުންދާ ވަރުގަދަ ހަނގުރާމާގައި އިރުމަތީ ފަރާތުން ސުންނާފަތި ކޮށްލާފައިވާ ހާރްކީވްއަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަޑައިގެންފިއެވެ.

މިއީ ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާއިން ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންގައި ހަނގުރާމަ ފެށިފަހުން، ވެރިކަން ކުރާ ކިއޭވްއިން ބޭރަށް ޒެލެންސްކީ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ހަނގުރާމާގައި މުޅިންހެން ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ކައިރިން، ވަޒަން ނާރާ ޖެކެޖެޓެއް ތުރުކުރައްވައިގެން ފައި މަގުގައި ޒެލެންސްކީ ހިންގަވާ މަންޒަރު، މީޑިއާގައި ވަނީ އާންމު ކޮށްފައެވެ.

ހާރްކީވްއަށް ކުރެއްވި ދަތުރުފުޅުގައި ޒެލެންސްކީ ވަނީ، ގައުމުގެ ދިފާއީ ހިދުމަތުގައި ނިކުމެ ތިބި ހުރިހާ އެންމެނަށް ޝުކުރު އަދާ ކުރެއްވުމަށްފަހު، ސިޓީ ދިފާއު ކުރެއްވުމަށް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ، ސަރަހައްދީ ސެކިއުރިޓީ ޗީފް، މަގާމުން ވަކި ކުރައްވާފައެވެ.

ރަޝިއާއިން އަނެއްކާވެސް ވަނީ ހާރްކީވްގައި ހަމަލާތައް ދޭން ފަށާފައެވެ. ޔޫކްރައިންގެ 2 ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށް ވާ ހާރްކީވްއަކީ ހަނގުރާމައިގެ ފުރަތަމަ ދުވަސްކޮޅު އެންމެ ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދިޔަ ސަރަހައްދެވެ. އެގޮތުން 2 ޓަވަރެއް ބިމާ ހަމަވި މަންޒަރު ވަނީ އާންމުވެފައެވެ.

ޒެލެންސްކީގެ އޮފީހުން ދޫކޮށްލި ޓެލެގްރާމް މެސެޖެއްގައި ބުނެފައި ވަނީ ހާރްކީވް ސަރަހައްދުގައި 2229 އިމާރާތެއް ހަލާކު ކޮށްލާފައި ވާ ކަމަށެވެ. އިމާރާތްތައް އަލުން މަރާމާތު ކޮށް، އެ ސަރަހައްދަށް އަލުން ދިރުން ގެންނާނެ ކަމަށާ، ހާރްކީވްގެ އިތުރުން އެހެން އަވަށްތަކުގައި ވެސް އެކަން ކުރާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ނަމަވެސް ނެރެން ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެންމެ ފަހު މީހާ ޖެހެންދެން ފަސްގަނޑުގެ ދިފާއުގައި ޔޫކްރައިން ތެދުވެ އޮންނާނެ ކަން އެފަރާތްތަކަށް އެނގެން ޖެހޭ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. ޔޫކްރޭނުން ހަނގުރާމަ ކުރާނެ ކަމަށާ، ހަމަ ޔަގީނުންވެސް ކާމިޔާބު ހޯދާނެ ކަމަށް ޒެލެންސްކީ ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.