ނިމުނު އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ރެކޯޑް ނަތީޖާ އެއް ހޯދުމާއެކު ބީއެމްއެލް މިހާރު އޮތީ މިހާތަނަށް ބޭންކު އޮތް އެންމެ ރަނގަޅު ހާލަތުގައި ކަމަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވުނު ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާއި ވާހަކަ ދައްކަވަމުން ޓިމް ވަނީ މުޅި ދުނިޔެއަށް ވެސް ދަތި އުނދަޅޫ ދަނޑިވަޅެއްގައި ބޭންކުން ފާއިތުވި ތިން އަހަރުތެރޭގައި ހޯދި ކާމިޔާބު ފާހަގަކޮށް އެކަމަށް އަލިއަޅުއްވާލާފައެވެ. އެގޮތުން ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވެވުނު ކަމަށާއި ލޯނުދޫކޮށް މުހިއްމު ހިދުމަތްތައް ފޯރުކޮށްދެވުނު ކަމަށް ޓިމް ވަނީ ވިދާޅުވެފައެވެ.
ޓިމް ވިދާޅުވީ މުހިންމު ލޯނުތަކުގެ ރޭޓްތައް ބޭންކުން ދަށްކުރި ނަމަވެސް ބޭންކަށް ލިބުނު ފައިދާވަނީ ފާހަގަކޮށްލެވޭފަދަ މިންވަރަކަށް އިތުރުވެފައި ކަމަށާއި އެގޮތުން ކުރީ އަހަރަށްވުރެ 470 ޕަސެންޓް އިތުރުވެ، ޓެކްސް އަށް ކެނޑުމަށްފަހު 1.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
ބޭންކުގައި މަސައްކަތް ކުރަމުންދާ ޓީމާއި ކުރިއަރަމުންދާ މުވައްޒަފުންގެ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ ފާއިތުވި ތިން އަހަރު ތެރޭ ޕްރޮމޯޝަން ލިބިގެންނާއި އަލަށް ބޭންކާ ގުޅިގެން ބޭންކުގެ އެގްޒެކެޓިވް ޓީމަށް ދިވެހިން އިތުރުވެގެންދާކަމީ އުފާކުރާ ކަމެއް ކަމަށާއި މިއަދު ބޭންކު ހިންގަމުން މިދަނީ 99 ޕަސެންޓް ދިވެހިންނާއެކު ކަމަށެވެ.