ޑޮލަރުގެ ހާލަތު އޮތް ގޮތުން، ކާޑުތަކުގެ ލިމިޓް މިވަގުތު ބަދަލު ނުކުރެވުނަސް ވަރަށް އަވަހަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

ބީއެލްއެލްގެ އަހަރީ އާންމު ޖަލްސާގައި ބޭންކްގެ ހާލަތާއި އަދި ބޭންކުގެ ކުރިމަގާ ބެހޭ ގޮތުން ސީއީއޯ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކާޑުތަކުން ކުރެވޭ މުއާމަލާތްތަކުގެ އަދަދު ހިފަހައްޓާފައި ވަނީ ރާއްޖޭގައި ޑޮލަރުގެ ހާލަތު އަދިވެސް އޮތް ގޮތުން އިތުރު ބަދަލެއް ގެނެވެން ނެތުމުން ކަމަށެވެ.

ކޮވިޑާ ގުޅިގެން އައި އިގްތިސޯދީ ތާށިކަމުގައި ކާޑުން ކުރެވޭ މުއާމަލާތް 200 ޑޮލަރަށް ކުޑަކޮށް ފަހުން ވަނީ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތައް 500 ޑޮލަރަށް ބަދަލު ކޮށްދީފައެވެ.

މި ބަދަލާއެކުވެސް، ރާއްޖެއިން ބޭރުން ވިޔަފާރި ކުރާ ފަރާތްތަކަށާއި، ބޭރުގައި ކުރާ އެކިއެކި މުއާމަލާތްތަކަށް ކާޑުގެ ލިމިޓާހެދި އެތައް ބަޔަކު ދިޔައީ އަދި އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބޭންކަށް ފާޑު ކިޔަމުންނެވެ. މިރޭ ޓިމް އެކަންވެސް ފާހަގަ ކުރައްވާ ވިދާޅުވީ، ލިމިޓް ހިފަހައްޓާފައި އޮތުމުން ލިބޭ ފާޑުކިޔުމާ ހެދި ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، އެކަމަށް (ލިމިޓަށް) ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

މިރޭ އޮތް އާންމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ / ފޮޓޯ: ބީއެމްއެލް

ޓިމް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޓޫރިސްޓުން އަޔަސް ބޭންކަށް ޑޮލަރު ލިބޭ އަދަދު އަދިވެސް މަދުކަމަށާއި ކޮވިޑާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ދައުރުވާ ޑޮލަރުވެސް ބޮޑުތަނުން މަދުވެފައި ވާ ކަމަށެވެ. އެގޮތުން އެމެރިކާގެ ފެޑަރަލް ރިޒާވުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއާއެކު ދުނިޔޭގެ ބާޒާރުގައި ދައުރުވާން ހުރި ޑޮލަރުގެ ތެރެއިން 3 ޓްރިލިއަން ޑޮލަރު މަދުވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ބީއެމްއެލްގެ ކަސްޓަމަރުންގެ ބޭނުންތަކަށް ކޮންމެ މަހަކު 20 މިލިއަން ޑޮލަރު ދޫކުރަން ޖެހުމާއި ބޭންކުގައި އާންމުން ބަހައްޓާ ފައިސާ ޑޮލަރަށް މާރުކޮށް، ޓީޓީ އާއި ކްރިޑިޓް ކާޑުގެ އިތުރުން ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންގެ ބޭނުންތަކަށް ހޭދަކުރުންވެސް ހިމެނެއެވެ.

މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ ޖަލްސާގައި ބޭރު ފައިސާގެ ހާލަތުގެ އިތުރުން، ބޭންކުގެ ކުރިމަގާއި، އަދި ބޭންކުން ހޯދި ކާމިޔާބީތައްވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ވޭތުވެ ދިޔަ އަހަރު ބޭންކުން ކުރި ވިޔަފާރީގެ ފައިދާއިން ހިއްސާއަަކަށް ބަހަން ނިންމި އަދަދަކީ ބޭންކުގެ ތާރީހުގައިވެސް ބަހާ އެންމެ ބޮޑު އަދަދެވެ. އެއީ ހިއްސާއަކަށް 48 ރުފިޔާއެވެ.

ބީއެމްއެލުގެ މިދިޔަ އަހަރުގެ ސާފު ފައިދާއިން ހިއްސާދާރުންނަށް ޖުމްލަ 258 މިލިއަން ރުފިޔާ ބަހަން މިރޭ ފާސްކުރުމާއެކު ބޭންކުގެ ކޮންމެ ހިއްސާއަކަށް 48 ރުފިޔާ ލިބޭނެއެވެ.